ޚިޔާނާތުގެ ދައުވާއެއް ސާބިތުވެ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މިއީ ދައުލަތުން ބައްސާމާ ދެކޮޅަށް އުފުލި ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދެ ދައުވާގެ މައްސަލައެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ވަނީ ދައުލަތުން އުފުލި ޚިޔާނާތްތެރިވުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަކު، މި މައްސަލައިގައި ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ހުކުމް ކުރުން އޮންނާނީ އެހެން ދުވަހެއްގައެވެ.
ބައްސާމާ ދެކޮޅަށް މި ދައުވާކުރީ ޑޮލަރު މާރުކުރުމުގެ ނަމުގައި ބައްސާމްގެ އަމިއްލަ އެކައުންޓުން އެފްއޭއެމްގެ ފައިސާއިން 10،000 ޑޮލަރު ޖަމާކޮށްފައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ ނުދައްކާތީއެވެ. މިކަން ހިނގީ 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހުގެ ތެރޭގައެވެ. އެއީ، ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން އެފްއޭއެމަށް ދިން ފައިސާގެ ތެރެއިން 10،000 ޑޮލަރު ކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ.
އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭމަށް ލިބުން ކަމަށް ލިޔެކިޔުން ތައްޔާރުކުރި ނަމަވެސް ފައިސާ ޖަމާކޮށްފައެއް ނުވެއެވެ.
މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، މުސާރައާ ނުބައްދަލު ގިނަ އަދަދެއްގެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވާތީ އަދަބު މަތިކުރަން ލިބޭ އިޚުތިޔާރުގެ ދަށުން ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވަން މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ނިންމެވީއެވެ. އަދި، ބައްސާމްގެ ފަރާތުން ޖަލު އަދަބު ލުއިކޮށްދޭން އެދުމުން ވެސް ގާޒީ ވަނީ އެ ކަމަށް އިންކާރުކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގެ އިތުރަށް ވެސް ބައްސާމާ ދެކޮޅަށް ދައުވާކުރާ އިތުރު ދެ މައްސަލައެއް ކްރިމިނަލް ކޯޓުގައި އެބަ ކުރިއަށްދެއެވެ.