ބާރު އަޑު ފޮނުވާ ސޮނިކް ވެޕަން މާލޭ ތެރޭ ބޭނުންކޮށްގެން ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މުޒާހަރާ ރޫޅާލަން ފުލުހުން ބާރު އަޑެއް ފޮނުވާ ހަތިޔާރު ނުވަތަ ލޯންގް ރޭންޖް އެކޮސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކުރުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އަދި، ގިނަ އަދަދެއްގެ މީހުން ވަނީ އެ ކަމުގެ ސަބަބުން ސިއްހީ ގެއްލުންވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
'ޗެނަލް 13'ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، ސޮނިކް ވެޕަން ފަދަ ހަތިޔާރުތައް ފުލުހުންގެ އަތުގައި ހުންނަން ޖެހޭނެ ކަމަށެވެ. އެ ހަތިޔާރު ފުލުހުންގެ އަތުގައި ކުރިން ވެސް ހުންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިދިޔަ ޕީޕީއެމްގެ ސަރުކާރުގައި ވެސް އަދި ފަހުން އައި އެމްޑީޕީގެ ސަރުކާރުގައި ވެސް އެ ހަތިޔާރު ބޭނުންނުކުރާ ކަމަށެވެ.
"މިއީ ރާއްޖޭގައި ސޮނިކް ވެޕަން ބޭނުންކުރި ފުރަތަމަ ފަހަރު ނޫނީ ދެވަނަ ފަހަރު،" އޭނާ ވިދާޅުވިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: އޭނާ ވިދާޅުވީ މާލޭގައި ސޮނިކް ވެޕަން ބޭނުންކޮށްގެން ނުވާނެ ކަމަށް --- ސަން ފޮޓޯ
އުމަރު ގަބޫލުކުރައްވާ ގޮތުގައި މާލެ ފަދަ ތޮއްޖެހިފައި އޮންނަ ތަނެއްގައި އެ ހަތިޔާރު ބޭނުންކުރުމަކީ އެއް ގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ހަތިޔާރު ބޭނުންކުރަން ވާނީ ވަރަށް ބޮޑަށް ހުޅުވިފައި އޮންނަ ސަރަހައްދެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، ބުރިޖާއި ރާޅުގަނޑު އަދި އުސްފަސްގަނޑު ފަދަ ތަންތަނުގައި ސޮނިކް ވެޕަން ބޭނުންކުރި ނަމަ އެ ވާހަކަނުދައްކާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
"ނުކުތާއަކީ ސޮނިކް ވެޕަން ބޭނުންކުރީ ކޮންތާކު ހެއްޔޭ އަސްލު؟ މިއީ އަޅުގަނޑުމެން މިއަދު ކޮށްލަން ޖެހޭ ސުވާލަކީ،" އޭނާ ވިދާޅުވިއެވެ.
"މިހާރު މި ވެޕަން ބޭނުންކުރީ ބުރިޖު މަތީގައި ނަމަ ތި ބޭފުޅުން ތި ވާހަކައެއް ނުދައްކާނެ. އެއީ އޯޕަން ސަރަހައްދެއްގައި. ދުނިޔޭގައި ސޮނިކް ވެޕަން ބޭނުންކުރަނީ އޯޕަން ސަރަހައްދުތަކުގައި. މާލެ ކަހަލަ ތޮއްޖެހިފައި ވަށައިގެން ބިލްޑިންތައް އަޅާފައި ހުންނަ ތަނެއްގެ ތެރޭގައި ސޮނިކް ވެޕަން ބޭނުމެއް ނުކުރެވޭނެ،"
އުމަރު ވިދާޅުވީ، މާލެ ފަދަ ތޮއްޖެހިފައި އޮންނަ ތަނެއްގައި ސޮނިކް ވެޕަން ބޭނުންކުރުމުން ކޮންމެ ފަދަ ގެއްލުމެއް ވެސް ވެދާނެ ކަމަށެވެ. ޚާއްސަކޮށް ވަށައިގެން ހުރި އިމާރާތްތަކުގައި އުޅޭ އުމުރުން ދުވަސްވީ މީހުންނަށް އެ ކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މުޒާހަރާއަށް ދާނީ ސިއްހަތު ސަލާމަތުން ތިބި މީހުން ކަމަށާއި އެކަމަކު އެ ސަރަހައްދުގައި ބަލި މީހުން ވެސް ދިރިއުޅޭނެ ކަމަށެވެ. އެހެންވެ، މާލޭގެ އިމާރާތްތަކުގެ މެދުގައި ސޮނިކް ވެޕަން ބޭނުންކުރެވިގެން ނުވާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ފުލުހުން އެ ނުރައްކާތެރި ހަތިޔާރު ބޭނުންކުރުމާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެ ހަތިޔާރު ކުރިން ވެސް ބޭނުންކުރާ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި އާންމުންނަށް އަމާޒުކޮށްގެން މި ފަދަ ގޮތަކަށް މީގެ ކުރިން އެ ހަތިޔާރު ބޭނުންކޮށްފައެއް ނުވެއެވެ. ކުރިން ސޮނިކް ވެޕަން ބޭނުންކޮށްފައިވަނީ އެއްވުމުގެ ބައިވެރިންނާ މުއާމަލާތްކުރާށެވެ.