ވަކި މުއައްސަސާއެއްގެ ގޮތުގައި ސިއްހީ މަރުކަޒުތަކަށް ސީދާ މިނިސްޓްރީތަކާ މުއާމަލާތްކުރެވޭނެ ނިޒާމެއް އަންނަ އަހަރުން ފެށިގެން ގާއިމުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިހާރު ސިއްހީ މަރުކަޒުތަކުން މިނިސްޓްރީތަކާ މުއާމަލާތްކުރަނީ ހޮސްޕިޓަލްތައް މެދުވެރިކޮށެވެ.
އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މި ނިޒާމާ އެކު ސިއްހީ މަރުކަޒުތަކަށް ބޭހާއި މުވައްޒަފުން ހޯދުމުގައި ހުރި ދަތިތައް ހައްލުވާނެ ކަމަށެވެ. މި ކަމުގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.
އެހެންވެ، ރައީސް ވިދާޅުވީ ކޮންމެ ސިއްހީ މަރުކަޒަކަށް ހެލްތު މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ މުއާމަލާތްކުރެވޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށެވެ. އެކަން އަންނަ އަހަރުން ފެށިގެން ތަންފީޒުކުރައްވަނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ބޭސް ލިބުމުގެ ދަތިކަން ރަށްތަކުގައި ހައްލުކުރުމަށް އަތޮޅު ހޮސްޕިޓަލްތަކުން ސިއްހީ މަރުކަޒުތަކަށް ފޯރުކޮށްދެނީ. އެހެން ކަންތައްތައް ވެސް އޮންނަނީ އެހެން. އެކަން މި ނިމުމަކަށް ގެންނަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
"ހެލްތް މިނިސްޓްރީއާ ކޮންމެ ސިއްހީ މަރުކަޒަކާއި ހޮސްޕިޓަލަކަށް މުއާމަލާތްކުރެވޭ ނިޒާމެއް ގާއިމުކުރުމުގެ ކަންކަން ކުރިއަށް އެބަދޭ. ފިނޭންސާއި އެސްޓީއޯއާ ވެސް މުއާމަލާތްކުރުމުގެ. މީހުން ޓްރެއިން ކުރުމުގެ ކަންކަން ތަރުތީބު މި ކުރަނީ. މިކަންކަން ނިމެނޭ އަންނަ އަހަރުގެ ޖަނަވަރީން ފެށިގެން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތައް ވަކިވަކި މުއައްސަސާތަކުގެ ގޮތުގައި ޑައިރެކްޓްލީ މުއައްސަސާތަކާ މުއާމަލާތްކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ،"
މި ނިންމުމުގެ ސަބަބުން ކުރިން ޚިދުމަތް ހޯދުމުގައި ހުރި ފަށަލަތައް ނެތި، އެތައް ކަމެއްގައި ފަސޭހަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބޭސް ލިބުމުގައި ހުރި ދަތިތައް ބޮޑުވެ ގިނަ ބަޔަކު އަންނަނީ އެ ކަމުގެ ޝަކުވާ ކުރަމުންނެވެ. އެ މައްސަލަ ހައްލުކުރަން ސަރުކާރުން މީގެ ކުރިން އެކި ތާރީޚުތައް ދިން ނަމަވެސް އަދިވެސް އެކަށިގެންވާ ހައްލެއް ލިބިފައެއް ނުވެއެވެ.
ސަރުކާރުން ވަނީ ބޭސް އެތެރެކުރަން ޚާއްސަ ކުންފުންޏެއް ވެސް އުފައްދާފައެވެ.