ގދ. ހޯނޑެއްދޫގެ 64 އަހަރުގެ ބަލި މީހަކު މަރުކަޒުކޮށްގެން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ފެމިލީ މިނިސްޓްރީގައި މިދިޔަ މަހު އެދުނު ނަމަވެސް، ހައްލެއް ލިބިފައިނުވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ހޯނޑެއްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ 64 އަހަރުގެ، އަޅާލާނެ މީހަކު ނެތް ހާލު ދެރަ ބަލި މީހަކު މިދިޔަ ހޮނިހިރު ދުވަހު އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔުމަށް ފަހު، ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ހަމަ އެ ދުވަހު ފަރުވާއަށް މާލޭގައި ހުންނަ އައިޖީއެމްއެޗަށް ގެނައި ކަމަށް ކައުންސިލުން ބުންޏެވެ.
އެ ބަޔާނުގައި ވަނީ، އެ މީހާ ހަމަ އެ ދުވަހު އަނބުރާ ރަށަށް ފޮނުވާލައިފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ، އެ މީހާގެ ހާލު އިތުރަށް ދެރަވުމުގެ ކުރިން، މިދިޔަ މަހުގެ 11ގައި އެ ކައުންސިލުން ވަނީ އެ މީހާގެ މައުލޫމާތު ފެމިލީ މިނިސްޓްރީއާ ހިއްސާކުރި ކަމަށެވެ.
"އާންމު ފަރާތެއްގެ ރިޕޯޓަކާ ގުޅިގެން ހޯނޑެއްދޫ ކައުންސިލާއި ހޯނޑެއްދޫ ސިއްހީ މަރުކަޒުން، 2025 ސެޕްޓެމްބަރު 11ގައި މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓަށް ބަލި މީހާގެ މައުލޫމާތު ހިއްސާކޮށް މަރުކަޒުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް ވާނީ އެދިފައެވެ." ބަޔާނުގައިވެއެވެ.
ކައުންސިލުން ބުނީ، މިނިސްޓްރީގެ ބެލުމުގެ ދަށުން އެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު އަނބުރާ ފޮނުވާލައިފައިވަނީ ރަށުގެ ރަަސްމީ އެއްވެސް އިދާރާއަކަށް އެކަން އެންގުމަކާ ނުލައި ކަމަށެވެ.
އެ މައްސަލައަށް ހައްލެއް ހޯދުމަށް ކައުންސިލުން މިނިސްޓްރީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
"އެ ފަރާތަށް ބޭނުންވާ އެކިއެކި އެހީތެރިކަން ވެސް ވަނީ ފޯރުކޮށްދެވިފައެވެ. މި ކައުންސިލުން މި މައްސަލައިގައި އިސްނަގައިގެން އެ ފަރާތަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ." ކައުންސިލުން ބުންޏެވެ.
"އަދި މިނިސްޓްރީއާ ގުޅިގެން އެ ފަރާތުގެ ދުޅަހެޔޮ ކަމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް ވަނީ އެޅިފައެވެ."
އެހެންނަމަވެސް، އެ މީހާ ބަލާނެ މީހަކު ނެތުމުން، އެފަދަ މީހުންނަށް އަޅާލުމަކީ ފެމިލީ މިނިސްޓްރީގެ ޒިންމާއެއްކަން ކައުންސިލުން ފާހަގަކުރިއެވެ. އަދި އެކަމަށް އަވަސް، ދެމެހެއްޓެނިވި ހައްލެއް ހޯދައި ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ހޯނޑެއްދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިހާމް "ސަން"އަށް ވިދާޅުވީ، އެ އަންހެން މީހާގެ ފިރިއަކު ހުރި ނަމަވެސް އެއީ 73 އަހަރު މީހެއް ކަމަށާއި އެއީ ވެސް ބަލި މީހެއް ކަމަށެވެ. އަދި ސިއްހީ ގޮތުން އެހީ ފޯރުކޮށްދެވެން ނެތް މީހެއް ކަމަށެވެ.
ޝިހާމް ވިދާޅުވީ އަންހެން މީހާއަށް އަޅާލާނެ އިތުރު މީހަކު ނެތް ކަމަށެވެ. އަދި އެ މީހާގެ ހާލު ދެރަވީ އެތެރެހައްޓަށް ލޭ އެޅުމުގެ މައްސަލައެއް ދިމާވެގެން ކަމަށާއި، ފަރުވާއަށް ފަހު އައި ނަމަވެސް، އަމިއްލައަށް ހިނގައި ވެސް ނޫޅެވޭ ކަމަށް ޝިހާމް ވިދާޅުވިއެވެ.
އެ އަންހެން މީހާ މަރުކަޒުގައި އެޑްމިޓް ނުކުރި ނަމަވެސް މިހާރު އޮތީ މަރުކަޒުގައި ކަމަށާއި، ނަމަވެސް މިއަދު ދޫކޮށްލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ދައުލަތުން އަންހެން މީހާ ބެލޭނެ ގޮތެއް ހޯދުން މުހިންމުކަން ޝިހާމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މި މައްސަލައިގައި އޮންލައިންކޮށް ހެލްތު މިނިސްޓްރީއާއި ފެމިލީ މިނިސްޓްރީއާއެކު ބައްދަލުވުންތައް ބޭއްވި ނަމަވެސް މިހާތަނަށް ދާއިމީ ހައްލެއް ލިބިފައިނުވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފެމިލީ މިނިސްޓްރީގެ ބަހަކަށް "ސަން"އިން ވަނީ އެދިފައެވެ.