ގދ. ހޯނޑެއްދޫގެ 64 އަހަރުގެ ބަލި އަންހެނަކު ބަލާނެ މީހަކު ނެތި، ދައުލަތުން ހަވާލުނުވުމާ ގުޅިގެން ކައުންސިލުން ކަންބޮޑުވުން ފާޅުކުރުމުން، އެ މީހާއަށް ދެރަ ގޮތެއް ނުވާނެ ގޮތަކަށް މަސައްކަތްތައް ކުރަމުންދާ ކަމަށް އިޖުތިމާއީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.
ހޯނޑެއްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، އަޅާލާނެ މީހަކު ނެތް އަންހެން މީހާގެ ފިރިއަކު ހުރި ނަމަވެސް އެއީ ވެސް 73 އަހަރުގެ ބަލި މީހެއް ކަމަށް ބުނެފައެވެ. އެ އަންހެން މީހާ ބަލާނެ އެއްވެސް މީހަކު މިވަގުތު ނެތް ކަމަށް ކައުންސިލުން ބުންޏެވެ.
އެހެންވެ، އެ މީހާގެ މައުލޫމާތު މިދިޔަ މަހުގެ 11ގައި އިޖުތިމާއީ ކަންތައްތަކާ ބެހޭ ވުޒާރާއާ ހިއްސާކޮށް، މަރުކަޒުކޮށްގެން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދުނު ކަމަށް ކައުންސިލުން ބުންޏެވެ. ނަމަވެސް އެކަން ނުކުރެވި، އެ މީހާގެ ހާލު ސީރިއަސް ވެގެން މިދިޔަ ހޮނިހިރު ދުވަހު ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް، މާލެ ވެސް ގެނައި ކަމަށް ކައުންސިލުން ބުންޏެވެ.
އިޖުތިމާއީ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އަންހެން މީހާ ރަށަށް ފޮނުވާލީ އެއްވެސް އިދާރާއަކަށް ނާންގައި ކަމަށް ކައުންސިލުން ބުންޏެވެ. އަދި އޭނާ މިވަގުތު ސިއްހީ މަރުކަޒުގައި އޮތަސް، އެ މީހާ އޮތީ އެޑްމިޓް ނުކޮށް ކަމަށާއި މިއަދު ގެއަށް ދޫކޮށްލާނެ ކަމަށް ކައުންސިލުން "ސަން"އަށް މައުލޫމާތު ދިނެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އިޖުތިމާއީ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ ނައިބު މަރިޔަމް ލަހުފާ "ސަން"އަށް ވިދާޅުވީ، އެ މިނިސްޓްރީއަށް މައްސަލަ ހުށަހެޅި ހިސާބުން ފެށިގެން ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އޭނާ މަރުކަޒުގައި އޮންނައިރު، ކައުންސިލުންނާއި ރަށުން އެހީތެރިކަން ފޯރުކޮށްދޭ މީހުންނާއެކު މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި ދެ މީހަކު ހިނގައިފައިދަނީ: އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުން އަންނައިރު، އެ މީހުންނަށް އަބުރުވެރި ހަޔާތެއް ކަށަވަރު ކޮށްދިނުމަށް މިިނިސްޓްރީން މަސައްކަތްތައް ކުރާ ކަމަށް ބުނެފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ އަންހެން މީހާ މިއަދު މަރުކަޒުން ގެޔަށް ދޫކޮށްލާނެކަން ފާހަގަކުރުމުން ލަހުފާ ވިދާޅުވީ، މިވަގުތު އެކަމާ ގުޅޭ ގޮތުން އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށާއި ނަމަވެސް އޭނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ހަމަ ޔަގީނުން ވެސް އޭނަގެ ހުރިހާ ކަންތައްތަކެއް، އޭނާއަށް ދެރަ ގޮތެއް ނުވާ ކަހަލަ ގޮތަކަށް މިނިސްޓްރީން އެ ކަންތައްތައް ބަލަމުންދާނެ،" ލަހުފާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އޭނައަށް އެންމެ ރައްކާތެރިވާނެ ކަހަލަ ގޮތަކަށް މި ކޭސްގައި މަސައްކަތް ކުރަމުން މިހާތަނަށް ވެސް އައިސްފައި ހުންނާނީ، ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށޭ އަޅުގަނޑުމެން އެ ކޭސްގައި ވެސް އަދި އެކަހަލަ އެހެން ކޭސްތަކުގައި ވެސް މަސައްކަތް ކުރާނީ."
ލަހުފާ ވިދާޅުވީ މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވެން އޮތީ އެއްކޮށް މަސައްކަތް ކޮށްގެން ކަމަށާއި، މިނިސްޓްރީން ކުރިއަށް ދަނީ އެގޮތަށް ކަމަށެވެ.
އެންމެ ފަހުން، 2022ގައި ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ފަސް ޕަސެންޓް ހިއްސާކުރަނީ އުމުރުން ދުވަސްވީ މީހުންނެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.
އެހެންނަމަވެސް، އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ އަޅާލުން ނުލިބި، އެކަނިވެރިކޮށް ދިރިއުޅެން ޖެހުމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
މިދިޔަ މެއި މަހު، އިޖުތިމާއީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވަނީ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވާތީ، އެ މީހުންނަށް އަބުރުވެރި ހަޔާތެއް ހޯދައި ދިނުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތްތަކެއް ފަށައިފައިވާ ކަމަށް ވިދާޅުވެފައެވެ.