800 އަށްވުރެ ގިނަ ބިޔަރު ދަޅާއި، 10 ރާ ފުޅިއާއެކު ހައްޔަރު ކުރި މީހާއަށް ދެ މަހެއްހާ ދުވަހުގެ ޖަލު ހުކުމެއް

މީގެ ކުރިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ ބިޔަރު ދަޅުތަކެއް – ފައިލް ފޮޓޯ: ޕޮލިސް

މާލޭން، 800 އަށްވުރެ ގިނަ ބިޔަރު ދަޅާއި 10 ރާ ފުޅިއާއެކު ހައްޔަރު ކުރި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ގ. ސެމީޓޯން މާދިހު މުހައްމަދު އިބްރާހީމް، މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މައްސަލައެވެ.

އެ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު، މާދިހު ހައްޔަރު ކުރި މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ.

އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު، މި މައްސަލައިގެ ހުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހްސާންއެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، މާދިހް ދިރިއުޅުނު ސެމީޓޯންގޭގައި އަދި އޭނާ ބޭނުންކުރަމުން އަންނަ ގ. ޑެނޯން ކިޔާ ގެއެއްގައި ބަނގުރާ ގެންގުޅޭކަން ފުލުހުންނަށް އެނގުނީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކުންނެވެ.

ފުލުހުންނަށް ލިބުނު އިންޓެލް މައުލޫމާތާއެކު ސެމީޓޯން ގެއިން މާދިހު ހައްޔަރުކުރިއިރު، 800 އަށްވުރެ ގިނަ ބިޔަރު ދަޅާއި 10 ރާފުޅި ފެނުނެވެ. އެ މައްސަލައާ ގުޅިގެން މާދިހުގެ މައްޗަށް ދައުވާ ކުރުމުން އޭނާވަނީ ކުށަށް އިއުތިރާފުވެފައެވެ.

ކުށަށް އިއުތިރާފުވުމުން، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. އެކަމަކު މި މައްސަލައިގެ ހުކުމަކާ ހިސާބަށް ކޯޓަށް ދެވުނީ މައްސަލަ ހިނގިތާ ފަސް އަހަރުވާން ގާތްވެފައިވަނިކޮށެވެ.

މި މައްސަލައިގެ ހުކުމަކަށް އިއްވާފައިވަނީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު މައްސަލައާއި ގުޅިގެން މާދިހު ކުރިން ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމުން ދެން އޭނާ ތަންފީޒު ކުރަންޖެހޭނީ އެއް މަހާއި އަށް ދުވަހުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް