ދުވުމުގެ ހަރަކާތްތައް ބޭއްވުމަށް ޚާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމަށްވާ، ވީރަން މޯލްޑިވްސްއިން އަންނަ މަހުގެ 28ގައި ހުޅުމާލޭގެ ގޮނޑުދޮށުގައި ބާއްވާ ދުވުމަށް ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގައި ގޮނޑުދޮށުގައި ބާއްވާ މިފަދަ ފުރަތަމަ ދުވުމުގެ ގޮތުގައި ސިފަކޮށްފައިވާ، 'ދަ ޝޯ ރަނިން ފެސްޓިވަލް' ކުރިއަށްގެންދާނީ އެކި އުމުރުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް، ތަފާތު ހަރަކާތްތަކާ ވެސް އެކުގައެވެ.
މި ފެސްޓިވަލްގައި ތިން ގަޑިއެއްގައި ތިން ދުވުމެއް ބާއްވާނެއެވެ. އެއީ:
- 10ކޭ ސަންރައިޒް ރޭސް: ހެނދުނު 6:00ގައި، އެއް ގަޑިއިރާއި 45 މިނެޓަށް ކުރިއަށްދާނެ
- 5ކޭ ސަންސެޓް ރަން: 16:30، 55 މިނެޓަށް
- 2ކޭ ކިޑްސް ޑޭޝް (ހަތަރު އަހަރާއި 12 އަހަރާ ދެމެދު ކުދިންނަށް): 16:45، މި ދުވުމަށް ވަކި ގަޑިއެއް ކަނޑައަޅައިފައި ނުވޭ
މި ދުވުންތައް ފަށާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ގޮނޑުދޮށުން، ކެފެއާ ރެސްޓޯރެންޓު ކައިރިންނެވެ. އެ ހިސާބުން ހުޅުމާލޭ ޗެނަލް ބްރިޖުގެ ދަށުން، ހުޅުމާލޭގެ ހުރަހަށް އޮންނަ ހިސާބަށް ހަމަވާނީ 2.5 ކިލޯ މީޓަރެވެ. އެހެންވެ، 5ކޭ އާއި 10ކޭ ދުވުން ފުރިހަމަ ކުރާނީ އަނބުރާ ފެށި ހިސާބަށް ދުވެގެންނެވެ.
'ސަންރައިޒް' ދުވުމުގައި ބައިވެރިވުމަށް 100 ޖާގައަށް ވަނީ ހުޅުވާލާފައެވެ. އަދި "ސަންސެޓް" ދުވުމަށް 300 ޖާގަ ހުޅުވާލާފައިވާއިރު، ކުޑަކުދިންގެ ޑޭޝްއަށް ހުޅުވާލީ 100 ޖާގައަށެވެ.

ވީ ރަން މޯލްޑިވްސްގެ ދުވުން ބާއްވާ ގޮތް --
މި ދުވުންތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅައިފައިނުވެއެވެ. މިއިން ކޮންމެ ދުވުމެއްގައި ބައިވެރިވުމަށް 250 ރުފިޔާގެ ފީއެއް ދައްކަން ޖެހޭއިރު، ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެއެވެ. އަދި ދުވުމުގައި ބައިވެރިވާ މީހުންނާއި ކުދިންނަށް ޚާއްސަ ޓީޝާޓެއް ލިބޭނެއެވެ.
މި ފެސްޓިވަލްގެ ތެރެއިން 'ކާނިވަލް ވިލެޖެއް' ބާއްވާއިރު، ފޭސްޕެއިންޓިންއާއި ގޭމްތައް ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ސްޓޭޖު މަތީގައި ފިޓްނެސް ސެޝަންތައް ބޭއްވޭއިރު، ސޯޝަލް މީޑިއާގައި ފޮޓޯތައް ހިއްސާކުރުމަށް އެކި ބެކްޑްރޮޕް ހުންނާނެއެވެ.
މީގެ އިތުރުން ދުވުންތެރިންނަށް މެޑަލްތައް ވެސް ލިބޭނެއެވެ.
ވީރަން މޯލްޑިވްސްއިން ބުނީ، މި ހަރަކާތުގެ މަގުސަދަކީ ދުޅަހެޔޮ ސިއްހަތަކަށް މީހުން އަހުލުވެރިކުރުމާއި ކަސްރަތު ކުރުމާއި އާއިލާއާ އެއްކޮށް ދުވުމުގެ ފުރުސަތު ބައިވެރީންނަށް ދިނުން ކަމަށެވެ. އަދި ގޮނޑުދޮށުގައި މި ހަރަކާތް ބާއްވަނީ، ރާއްޖޭގެ ރީތިކަމުގެ އުފާ ލިބިގަންނަމުން ދުވުމަށް ހިތްވަރުދިނުމަށް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މީގެ މަހެއްހާ ކުރިން އުފެއްދި ވީރަން މޯލްޑިވްސްއަކީ އާންމުކޮށް ކަސްރަތު ނުކުރާ މީހުންނާއި އެތުލީޓުން ވެސް ހިމެނޭ ގޮތަށް، ދުވުމާއި ކަސްރަތާ ގުޅުންހުރި ހަރަކާތްތައް ބާއްވާ ކުންފުންޏެކެވެ.