ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަލަން ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއު ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ، ރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިން މާކެޓެއް އުފެއްދުމުގެ މަގުސަދުގައި ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، ތަންފީޒުކުރެއްވުމަށް ނިންމެވި ކަންތައްތަކުގެ ތެރޭގައި:
- އިމާރާތްކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދިނުމާއެކު، އެ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައި އަތްފޯރާފަށުގެ ބޯހިޔާވަހިކަމުގެ ޔުނިޓްތައް ތަރައްގީކުރުމަށް ފުރުސަތު ހުޅުވާލުން.
- މިގޮތަށް ތަރައްގީކުރާ ބޯހިޔާވަހިކަމުގެ ޔުނިޓުތައް ގަންނަ ފަރާތްތަކަށް ބޭންކް ފައިނޭންސް ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި، އެންޑް-ޔޫސާ ފައިނޭންސްގެ ޚާއްޞަ މޯގޭޖް ސްކީމެއް ބޭންކްތަކާ މަޝްވަރާކޮށްގެން ތައާރަފުކުރުން.
- މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްގީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
- ޑިވެލޮޕަރުންގެ އަތުން ސަރުކާރުން ބައެއް ޔުނިޓުތައް ގަނެ، އެ ޔުނިޓުތަކަކީ ކަނޑައެޅޭ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށް ފޯރުކޮށްދޭ ޔުނިޓުތަކެއް ކަމުގައި ކަނޑައެޅުން.
ރައީސް އޮފީހުން ބުނި ގޮތުގައި ކެބިނެޓުން އިތުރަށް ވަނީ، މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ކަންކަން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅައިފައިވާ ބޯހިޔާވަހިކަމުގެ ބިލަށް، މި މަޝްރޫއާ ގުޅޭ ކަންކަން އިތުރުކޮށްގެން ކުރިއަށް ގެންދިޔުމަށް ވެސް ނިންމަވައިފައެވެ.
ހުރިހާ ދިވެހީންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން، އެއްވެސް ބޯހިޔާވަހިކަމެއް ނެތި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ އުމުރުން 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއަށް މި އަހަރު ހުޅުވާލާނެ ކަމަށް މިދިޔަ މެއި މަހު އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.