މި އަހަރު ޓްރާންސްފޯމަރުތަކަށް ގެއްލުންދިން 6 މައްސަލަ، ދައުވާކުރަން ފޮނުވީ އެންމެ މައްސަލައެއްގައި

ސްޓެލްކޯގެ ޓްރާންސްފޯމަރެއް: ޓްރާންސްފޯމަރުތަކަށް ގެއްލުންދީގެން މި އަހަރު ހަ މައްސަލައެއް ބެލި، ދައުވާކުރަން ފޮނުވީ އެންމެ މައްސަލައެއް --- ފޮޓޯ: ސްޓެލްކޯ

އެކި ފަހަރު މަތިން މި އަހަރު ސަބްސްޓޭޝަންތަކަށާއި ޓްރާންސްފޯމަރުތަކަށް ގެއްލުންދީގެން ނުވަތަ ގެއްލުން ދޭން މަސައްކަތްކުރުމާ ގުޅޭ ހަ މައްސަލައެއް ބަލާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

'ސަން'އާ ފުލުހުން ހިއްސާކުރި ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މި އަހަރުގެ ސެޕްޓެންބަރު މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް މި ފަދަ ޖުމުލަ ހަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އެ ހަ މައްސަލަ ވެސް ފުލުހުން ތަހުގީގުކުރިއިރު ހަތަރު މައްސަލަ ތަހުގީގުކުރީ ޖަނަވަރީ މަހުގައެވެ. އަދި، ޖޫން މަހު އެއް މައްސަލަ، އޮގަސްޓް މަހުވެސް މައްސަލައެއް ތަހުގީގުކުރިއެވެ.

މި މައްސަލަތަކުގެ ތެރެއިން ފަސް މައްސަލައެއް ފައިލްކުރިއިރު، އެއް މައްސަލައިގައި ދައުވާކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. އެގޮތުން، ދައުވާކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވީ ޖުލައި މަހުގައެވެ.

https://sun.mv/208169

ޓްރާންސްފޯމަރުތަކާއި ސަބްސްޓޭޝަންތަކަށް ގެއްލުންދީ، އެ ތަންތަނުން ނަރު ބުރިކުރާ މައްސަލަ ދޭތެރެއަކުން ފެންމަތިވެއެވެ.

މިގޮތުން އެންމެ ފަހުން އެފަދަ މައްސަލައެއް ފާހަގަވީ މިދިޔަ ސެޕްޓެންބަރު މަހުގެ 20ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުން ދޭން އުޅުމުގެ ތެރޭ އެ ސަރަހައްދުން ކަރަންޓު ކެނޑުމާ ގުޅިގެންނެވެ.

https://sun.mv/210933

ހަމަ އެ މަހު އޭގެ ދެ ހަފުތާ ކުރިންވެސް އައްޑޫޫ ސިޓީގެ ފޭދޫގައި ހުންނަ ޓްރާންސްފޯމަރަކުން ނަރު ބުރިކުރަން އުޅުނު މީހަކު ފިހި، އޭނާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. އަދި، ޓްރާންސްފޯމަރަކުން ނަރު ބުރިކުރަން އުޅުނު މީހަކު މީގެ ތިން މަސް ކުރިން ހައްޔަރުކޮށް ބަންދުކޮށްފައި ވެސް ވެއެވެ.

ޓްރާންސްފޯމަރުތަކުން ނަރު ބުރިކުރުމަކީ ކަރަންޓުގައި ޖެހި، ފުރާނައަށް ވެސް ގެއްލުންވާނެ ފަދަ ނުރައްކާތެރި ކަމެކެވެ.

comment ކޮމެންޓް