ހަ އަހަރުގެ ކުޑަކުއްޖަކުގެ ގައިގައި ސައިކަލުން ޖެހުމުން ވެސް، ސައިކަލު ދުއްވި މީހާ ދިޔައީ މަޑުނުކޮށް ކަމަށާއި މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި އެކްސިޑެންޓް ހިނގިގޮތުގެ ވީޑިއޯއެއް 'ފޭސްބުކް'ގައި އާންމުވެފައިވާއިރު ވީޑިއޯއިން ފެންނަނީ ކުޑަކުއްޖަކު ތިނަދޫގެ މަގެއް މައްޗަށް ދުއްވައިގެން ވަގުތު އެ މަގުން ބާރަށް ދުއްވާފައި އައި ސައިކަލަކުން އައިސް ކުއްޖާގެ ގައިގައި ޖެހޭ މަންޒަރެވެ.
ސައިކަލުން ޖެހި ކުއްޖާ ވިއްސައިގެން ދިޔައިރު، ސައިކަލު ދުއްވަން އިން މީހާ ވެސް ވިއްސައިގެންދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
ވީޑިއޯއިން ފެންނަ ގޮތުގަ ކުއްޖާ ވެސް ކުއްލިއަކަށް ބުޅާ އުރާލައިގެން މަގުގެ އަނެއް ފަރާތަށް ދުއްވާ ގަންނަނީއެވެ. ހަމަ އެ ވަގުތު ބާރު ސްޕީޑްގައި އައި ސައިކަލު ކޮންޓްރޯލް ނުވެ، ކުއްޖާ ގައިގައި ޖެހި ކުއްޖާވެސް ސައިކަލް ދުއްވަން އިން މީހާ ވެސް ވިއްސައިގެން ދަނީއެވެ.
އިއްޔެ ހަވީރު ތިނަދޫގައި ހިނގި އެކްސިޑެންޓާ ގުޅިގެން މީޑިއާއާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ، މި ހާދިސާ ހިނގީ ތިނަދޫ އާބާދީ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ދުވެފައި މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިގައި ޖެހިގެން އިއްޔެ 18:16 އެހާކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ ހަ އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
އެ ކުއްޖާއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި، ސައިކަލު ދުއްވީ ލައިސެންސް ނެތް މީހެއް ކަމަށާއި އެކްސިޑެންޓުވުމުން މަޑު ވެސް ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ، ސައިކަލު ދުއްވަން އިން 21 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ. އަދި، ސައިކަލު ވަނީ ޓޯކޮށްފައެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.