ތައުލީމީ ދާއިރާ ރަނގަޅުކުރަން، މުދައްރިސުންގެ ޤަދަރު އުފުލުމަކީ ވާޖިބެއް: ސިޔާމް

އެމްޑީއޭގެ ރައީސް ސިޔާމް: އެ މަނިކުފާނު ވަނީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައި -- ސަން ފޮޓޯ/ އަމަން ލަތީފް

ތައުލީމީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މުދައްރިސުންގެ ގަދަރާއި މަގާމު އުފުލުމަކީ ވާޖިބެއް ކަމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައި ސިޔާމް ވިދާޅުވީ، މުދައްރިސުންނަކީ މުޖުތަމައުގެ މައިގަނޑު ބިންގާ ކަމަށާއި، އެއީ ޖީލުތަކަށް އިލްމާއި އަޚުލާގާއި ހިކުމަތުގެ އަލިމަގު ދައްކާ ފަންނުވެރިން ކަމަށެވެ.

މިއަދު މި މުޖުތަމައަށް ޚިދުމަތްކުރައްވާ މޮޅެތި ޑޮކްޓަރުންނާއި އިންޖިނޭރުންނާއި ފަންނުވެރިން އުފެދިފައިވަނީ މުދައްރިސުންގެ މިންނެތް ބުރަ މަސައްކަތާއި އަގުހުރި ޚިދުމަތުގެ ނަތީޖާގެ ސަބަބުންކަން ސިޔާމް ފާހަގަކުރެއްވިއެވެ.

"މުދައްރިސުންގެ ހިތްވަރާއި އަޒުމު ނެތި އެއްވެސް ގައުމަކަށް ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލުނުކުރެވޭނެއެވެ. އެ ބޭފުޅުންގެ އަގުހުރި ޤުރުބާނީތައް ވަޒަންކުރުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް ލާޒިމު ވާޖިބެކެވެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، ކިޔަވައިދުނުމަކީ މިހާރު ހަމައެކަނި މުދައްރިސަކު ކްލާސްރޫމްގައި ކުރާ މަސައްކަތެއް ނޫން ކަމަށާއި، އެއީ މުދައްރިސުންނާއި ބެލެނިވެރިންނާއި މުޖުތަމައުގެ އެކި ފަރާތްތަކާއި ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ މެދުގައި އޮންނަންޖެހޭ ފުރިހަމަ އެއްބާރުލުމާ ގުޅިގެން ކުރެވޭ މަސައްކަތެއް ކަމަށެވެ.

ވުމާއެކު، މުދައްރިސުންގެ ދުވަހުގެ މި މުނާސަބަތުގައި ސްކޫލުތަކާއި މުޖުތަމައުގެ ގުޅުން އިތުރަށް ބަދަހިކޮށް މުދައްރިސުންގެ ފަންނީ ކުރިއެރުމަށް މަގުފަހިކޮށް އާ ކަންކަން ދަސްކޮށް އާ ގޮތްތައް ހޯދައި، ދަރިވަރުންނަށް މަންފާކުރުވަނިވި އުނގެނުމުގެ މާހައުލެއް ގާއިމުކުރުމަށް އެންމެން އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރާއިރު މުދައްރިސުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރެވިދާނެ ގޮތްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ސިޔާމް އަލިއަޅުވާލެއްވިއެވެ. އެގޮތުން، މުދައްރިސުންނަށް އެކަށޭނަ އުޖޫރައަކާއި މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަމާއި ކުރާ މަސައްކަތުގެ އަގު އެކަށީގެންވާ ގޮތެއްގައި ވަޒަންކުރުމަކީ އަސާސީ ހައްގެއްގެ ގޮތުގައި ދެކެންޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"މުދައްރިސުންނަކީ އެންމެ ގޮންޖެހުންތެރި ދަނޑިވަޅުތަކުގައި ވެސް އިޚުލާސްތެރިކަމާ އެކު މަސައްކަތްކުރައްވައި، ގައުމު ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ފަރާތްތަކެވެ. އެހެންކަމުން ތައުލީމީ ދާއިރާގެ ފެންވަރު މަތިކުރުމަށް މުދައްރިސުންގެ ގަދަރާއި މަގާމު ކޮންމެހެން އުފުލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ،" ސިޔާމް ވިދާޅުވިއެވެ.

މި ވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގާބިލު މުދައްރިސުންގެ ދަތިކަން ކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ، މިކަމުގެ ސަބަބުން މިހާރު ކިޔަވައިދެއްވާ މުދައްރިސުންނަށް އިތުރު ޒިންމާތަކެއް އުފުލަންޖެހުމުގެ އިތުރުން ދަރިވަރުންނަށް ލިބޭ ތައުލީމުގެ ފެންވަރަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

ޒުވާނުންނަށް ރަނގަޅު އަދި ފަހި މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި ގާބިލު މުދައްރިސުން ނެތް މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އަވަސް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށާއި، ޒުވާނުން މުދައްރިސްކަމުގެ މަސައްކަތަށް ޝައުގުވެރިވާނެ ފަދަ އިނާޔަތްތަކާއި ހިތްވަރުދޭ ޕްރޮގްރާމްތައް ތައާރަފުކުރުން މުހިންމުކަން ސިޔާމް ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މުދައްރިސުންނަކީ ފަޚުރުވެރި އަދި ހިތްހަމަޖެހޭ ވަޒީފާއެއްގެ ގޮތުގައި މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ވެސް ދެކުން ބޭނުންތެރިއެވެ.

އެއާއެކު، މުދައްރިސުންނަށް އެކަށޭނަ އިހުތިރާމާއި މަސައްކަތްކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ކުރިއެރުމުގެ ފުރުސަތުތަކާއެކު ބާރުވެރިކަން ދިނުމަކީ އަމާޒަކަށް ވާން ޖެހޭ ކަމަށް ވިދާޅުވެ، ސިޔާމް ވިދާޅުވިގޮތުގައި މުދައްރިސްކަން މުޖުތަމައުގައި އެންމެ ހިތްހަމަޖެހުން ލިބޭ ވަޒީފާތަކުގެ ތެރެއިން އެއް ވަޒީފާއަކަށް ހެދޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެންނެވެ.

އޭރުން ރާއްޖޭގެ ކޮންމެ ދަރިވަރަކަށް ވެސް އެ ކުދިންނަށް ހައްގުވާ ފެންވަރުގެ ރަނގަޅު ތައުލީމެއް ލިބޭނެކަން ޔަގީންކުރެވޭނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. މި ފުރުސަތުގައި ސިޔާމް ވަނީ މުދައްރިސުންގެ އަގުވަޒަންކޮށް މުދައްރިސުންނަށް ޝުކުރު އަދާކުރުމަށް ގޮވާލައްވައިފައެވެ.

comment ކޮމެންޓް