ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސަލީމާއި ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ޝިހާމް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ކުޑަހުވަދޫ ކައުންސިލުން އެ ރަށުގެ ތަރައްގީގެ ބައެއް ކަންތައްތަކާ ގުޅޭ ގޮތުން ސަރުކާރާ މަޝްވަރާކުރުމަށް މާލެއަށް މިވަގުތު ކުރަމުންގެންދާ ދަތުރުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން ކައުންސިލްގެ ފަރާތުން ވަނީ، އެ ރަށުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި ރަށަށް ބޭނުންވާ ބައެއް ކަހަލަ ތަރައްގީގެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން މިވަގުތު އެ ރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ ފެރީ ޓާމިނަލްއެއް ނެތުމުގެ ކަންބޮޑުވުން ކައުންސިލްގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭތޯ އެމްޑީއޭގެ ރައީސަަށް ވަނީ ހުށަހަޅާފައެވެ.
އެ ބައްދަލުވުމުގައި ސިޔާމް ވަނީ އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން އެ ރަށުގައި ފެރީ ޓާމިނަލެއް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ދ. ކުޑަހުވަދޫއަކީ އާބާދީގައި ގާތްގަނޑަކަށް 3،132 މީހުން ދިރިއުޅޭ ރަށެކެވެ. މި އަހަރުގެ ފެބުރުވަރީ މަހުގައި އެރަށަށް އާރްޓީއެލްގެ ޚިދުމަތް ފަށާފައިވާއިރު، ރަށުގައި ފެރީ ޓާމިނަލެއް ނެތުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.