ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން ހޯދި މޮޅާއެކު ރެއާލް މެޑްރިޑު ތާވަލުގެ އެއްވަނަ މަގާމު ލިބިއްޖެއެވެ.
ރެއާލް މެޑްރިޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު އަށް މެޗުން ލިބުނު 21 ޕޮއިންޓާއެކެވެ. ތާވަލުގެ ދެވަނަ މަގާމުގައި ވާދަވެރި ބާސެލޯނާ އޮތީ ކުޅުނު ހަތް މެޗުން ލިބުނު 19 ޕޮއިންޓާއެކެވެ. މެޗުން ބަލިވި ވިޔަރެއާލް އޮތީ ކުޅުނު އަށް މެޗުން ލިބުނު 18 ޕޮއިންޓާއެކެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ރެއާލުންނެވެ. މިއީ ދެވަނަ ހާފުގެ ކުރީކޮޅު ރެއާލްގެ ވިނީޝިއުސް ޖޫނިއާ ފޮނުވާލި ބޯޅައެއް ވިޔަރެއާލް ކުޅުންތެރިއަކު ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
ރެއާލުން ލީޑު ފުޅާކޮށްދިން ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއާއެވެ. މިއީ ވިޔަރެއާލްގެ ރަފާ މަރީން ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ރެއާލުން ލީޑުފުޅާކުރިތާ ތިން މިނިޓް ފަހުން، ވިޔަރެއާލްގެ ޖޯޖިއާ ފޯވާޑް، ޖިއޯޖެސް މިކައުޓަޓްޑްޒޭ ވަނީ އެ ޓީމަށް ސުން ކަނޑުވާލަދީފައެވެ. އޭގެ ފަހުން ވިޔަރެއާލަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނީ އެ ޓީމުގެ ސަންޓިއާގޯ މުރީނޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ.
އެއް ކުޅުންތެރިއެއް މަދުން ކުޅެމުންދަނިކޮށް ބްރަހިމް ޑިއާޒް ދިން ބޯޅައަކުން ރެއާލުގެ ތިންވަނަ ލަނޑު ކާމިިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ. މިއީ އޭނާ ކާމިޔާބުކުރި ހިތްގައިމު ރީތި ލަނޑެކެވެ.