އިންޑިއާގެ ފިލްމީ ތަރި ރިތިކް ރޯޝަން އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ވެބް ސީރީޒެއް ޕްރޮޑިއުސްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ސީރީޒަކީ ރިތިކްގެ އަމިއްލަ ފިލްމު ކުންފުނި އެޗްއާރްއެކްސް ފިލްމްސްއިން އުފައްދާ ފުރަތަމަ ވެބް ސީރީޒެވެ. މި ސީރީޒް ވަނީ ރަސްމީކޮށް ޕްރޮޑިއުސަރެއްގެ ގޮތުގައި ރިތިކް މަސައްކަތް ކުރާނެ ފުރަތަމަ ޕްރޮޖެކްޓް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިތިކް ވަނީ 2019 ވަނަ އަހަރު ރިލީޒްކުރި އެކްޓަރުގެ ފިލްމު "ސުޕަ 30"ގައި ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ނަމަވެސް، އޭރު ރިތިކް މަސައްކަތްކޮށްފައިވަނީ ނުރަސްމީކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިތިކް ރޯޝަން ޖޫނިއަ އެންޓީއާރުއާ އެކު ފިލްމު "ވޯ 2"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕީޕިންގް މޫންގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އެމެޒޯން ޕްރައިމް ވީޑިއޯއަށް ޕްރޮޑިއުސްކުރާ ސީރީޒްގެ މަސައްކަތަށް ރިތިކް ތައްޔާރުވަމުން އަންނަތާ މިހާރު ތިން އަހަރު ވެއްޖެއެވެ. މި ސީރީޒްގެ ޕްލޮޓާ ކާސްޓުންނާ ބެހޭ މައުލޫމާތު ސިއްރުކޮށްފައިވާއިރު ސީރީޒްގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިތިކްގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން ފިލްމު ޕްރޮޑަކްޝަންގެ މަސައްކަތަށް އަމަލީގޮތުން ނުކުންނަން ތައްޔާރުވަމުން އަންނައިރު އަންނަ އަހަރު ރިތިކް ފިލްމު ޑައިރެކްޝަނަށް ނުކުންނާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެކްޓަރު ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާނެ ފުރަތަމަ ފިލްމަކީ ބެލުންތެރިން ދިގު އިންތިޒާރެއް ކުރަމުން އަންނަ ފިލްމު "ކްރިޝް 4"އެވެ.
ބޮލީވުޑްގެ އެންމެ ބޮޑު އަގުބޮޑު އެކްޓަރުންގެތެރޭ ހިމެނޭ އެކްޓަރު ރިތިކް އެންމެފަހުން ފެނިފައި ވަނީ ވައިއާރްއެފްއިން މިދިޔަ އޮގަސްޓް މަހު ގެނެސްދިން ފިލްމު "ވޯ 2"އިންނެވެ.