ރޭގެ އެއްވުމުގެ ބައިވެރިން މިނިވަންކުރަން ގޮވައިލައި، އެމްޑީޕީން އަތޮޅުވެހި ކައިރިއަށް އެއްވެއްޖެ

4 އޮކްޓޯބަރު 2025: އަތޮޅުވެހި ކައިރި އެމްޑީޕީގެ ސަޕޯޓަރުން އިހުތިޖާޖުކުރަނީ -- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

ރޭ އެމްޑީޕީން ބޭއްވި "ލޫޓުވައިފި" އެއްވުމުގައި ހައްޔަރުކޮށް ބަންދު މުއްދަތު ޖެހި ހަ މީހުން މިނިވަންކުރަން ގޮވައިލައި، އެ ޕާޓީގެ ބައެއް އާންމު މެންބަރުން އަތޮޅުވެހި ކައިރިއަށް އެއްވެއްޖެއެވެ.

މިރޭ ކުއްލި ގޮތަކަށް ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސް ނިމުމާއެކު، ޗާންދަނީ މަގުގައި ހުންނަ ދަނޑިކޮށި ޖަގަހަ ސަރަހައްދުން އެ ޕާޓީގެ ބައެއް މެންބަރުން ވަނީ ހިނގާލުމެއް ފަށައިފައެވެ.

ހިނގައިލުމުގެ ބައިވެރިން ދިޔައީ، ރޭ ހައްޔަރުކޮށް މިއަދު، ބަންދަށް މުއްދަތު ޖެހި އެންމެން މިނިވަން ކުރަން އަޑުގަދަކުރާއިން ގޮވައިލަމުންނެވެ. ފުލުހުންގެ ބަންދުގައި މީހުން ބައިތިއްބާ އަތޮޅުވެއްސާ ހަމައަށް މި ހިނގާލުން ކުރިއަށް ގެންގޮސް އެ ތަނުގައި އިރުކޮޅަކު ތިބުމަށްފަހު އަނެއްކާ ވެސް އެ ހިނގާލުމުގެ ބައިވެރިން ވަނީ، އެމްޑީޕީ ޖަގަހައާ ދިމާއަށް ދިއުމަށް މިސްރާބު ޖަހައިފައެވެ.

https://sun.mv/212229

ރޭގެ މުޒާހަރާގެ ތެރެއިން މީހުން ހައްޔަރުކުރިއިރު، ކޮލެޖް ނިންމާފައި ގެއަށް ދިޔަ 18 އަހަރުގެ ކުއްޖެއް ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެކަމަކު އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކުއެވެ. މި ކުއްޖާގެ މައްޗަށް ވެސް ފުލުހުން ކުރާ ތުހުމަތަކީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ތުހުމަތެވެ.

4 އޮކްޓޯބަރު 2025: އަތޮޅުވެހި ކައިރި އެމްޑީޕީގެ ސަޕޯޓަރުން އިހުތިޖާޖުކުރަނީ -- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

އިދިކޮޅު އެމްޑީޕީގެ މުޒާހަރާއިން ރޭ ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ހަލަފް ފިޔަވައި ދެން ތިބި މީހުންގެ ބަންދަށް 15 ދުވަސް ޖެހިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހިމެނެއެވެ. އެ ތިން މީހުން ވެސް ވަނީ 15 ދުވަހަށް ބަންދުކޮށްފައިކަން ވަނީ އެނގިފައެވެ.

މިރޭ އޮތް ގައުމީ މަޖިލީހުގައި އެމްޑީޕީން ވަނީ ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް އަންނަ މަހު 17ގައި ވެސް މުޒާހަރާއެއް ކުރަން ނިންމައިފައެވެ.

comment ކޮމެންޓް