ޕެޕާ ސްޕްރޭއަކީ ހާޓް އެޓޭކްޖެހޭ އެއްޗެއް ނޫން: އައިޖީއެމްއެޗް

އައިޖީއެމްއެޗް ކުރިމަތި -- ސަން ފޮޓޯ: މާނިއު މުހައްމަދު

ޕެޕާ ސްޕްރޭ ޖެހުމުން ވަގުތީ އުނދަގޫތަކެއްވި ނަމަވެސް، އޭގެ ސަބަބުން ސީދާ ހާޓް އެޓޭކެއް ނުޖެހޭނެ ކަމަށް، އައިޖީއެމްއެޗުން ބުނެފިއެވެ.

މިރޭ ނެރުނު ބަޔާނެއްގައި އައިޖީއެމްއެޗުން މިހެން ބުނީ، އެމްޑީޕީން "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި ރޭ މާލޭގައި ބޭއްވި އެއްވުމުގައި އެ ޕާޓީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް ރަސްލާނަށް ހާޓްއެޓޭކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނާތީ އެކަމާ ގުޅިގެންނެވެ.

ރަސްލާންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، އޭނާ މިވަގުތު ސީސީޔޫގައި އެނދުމަތިކޮށްފައިވާ ކަމަށް، އައިޖީއެމްއެޗުން ބުނެއެވެ.

އެ ހޮސްޕިޓަލުން ބުނީ، ހާޓް އެޓޭކް ޖެހެނީ ސިއްހީ ކޮންމެވެސް ސަބަބަކާ ހެދި ހިތުގެ ލޭ ހޮޅިތައް ނުވަތަ ހޮޅިއެއް ބެދި ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެން ކަމަށާއި، މިހެން އާންމުކޮށް ދިމާވަނީ ބަލިމީހާގެ ހުންނަ ސިއްހީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކުގެ ސަބަބުން ކަމަށެވެ.

ޕެޕާ ސްޕްރޭގެ ސަބަބުން ވަގުތީގޮތުން ނޭވަޔަށް އުނދަގޫކޮށް ކެއްސުން ފަދަ މައްސަލަތައް ދިމާވި ނަމަވެސް، އެއީ ސީދާ އޭގެ ޒާތުން ހާޓް އެޓޭކެއް ޖެހޭފަދަ ކަމެއް ނޫން ކަމަށާއި، ނަމަވެސް ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން ހާޓް އެޓޭކް ޖެހޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ނަމަވެސް ރޭގެ އެއްވުމުގައި ހާޓް އެޓޭކް ޖެހުނު ރަސްލާން ހޮސްޕިޓަލަށް ގެންދިޔައީ މުޒާހަރާގެ ތެރެއަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުން ހާސްވެގެން ކަމަށް، އެމްޑީޕީގެ ގާނޫނީ ވަކީލަކު 'ސަން'އަށް ރޭ ވިދާޅުވިއެވެ.

ރޭގެ އެއްވުމުގައި ފުލުހުން ބާރުގެ ބޭނުންކުރީ ހާލަތާ ނުބައްދަލު ގޮތަކަށް ކަމަށް ބުނެ، އެމްޑީޕީން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ފުލުހުން ބުނީ، ބާރުގެ ބޭނުންކުރީ ކެތްތެރިކަމާއި ޕްރޮފެޝަނަލްކަމާ އެކީ، ހަމަތަކުގެ ތެރެއިން ކަމަށެވެ.

comment ކޮމެންޓް