އެމްޑީޕީން ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރިއެކަކީ، ކޮލެޖް ނިންމާފައި ގެއަށް ދިޔަ 18 އަހަރުގެ ކުއްޖެއްކަން އެނގިއްޖެއެވެ.
ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން ކޯޓުން ދޫކޮށްލީ މި ކުއްޖާއެވެ.
އެއީ، ނ. ވެލިދޫ ޖަވާހިރުމާގެ މުހައްމަދު ހަލަފް އިބްރާހީމްއެވެ. އޭނާގެ ބަންދުން ދޫކޮށްލި ރިޕޯޓުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ، ކޮލެޖް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި އެއްވެފައިތިބި މީހުންގެ ތެރޭގައި ތާށިވެފައި ހުއްޓައެވެ. އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ޒަރޫރަތެއް ނެތް ކަމަށް ބަޔާންކޮށް ކޯޓުންވަނީ އޭނާ ދޫކޮށްލާފައެވެ.
އެކަމަކު އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކުއެވެ. މި ކުއްޖާގެ މައްޗަށް ވެސް ފުލުހުން ކުރާ ތުހުމަތަކީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ތުހުމަތެވެ.
އިދިކޮޅު އެމްޑީޕީގެ މުޒާހަރާއިން ރޭ ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ހަލަފް ފިޔަވައި ދެން ތިބި މީހުންގެ ބަންދަށް 15 ދުވަސް ޖެހިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހިމެނެއެވެ. އެ ތިން މީހުން ވެސް ވަނީ 15 ދުވަހަށް ބަންދުކޮށްފައިކަން ވަނީ އެނގިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މުޒާހަރާގެ ތެރެއިން މާ ކައިރިން ޕެޕާ ސްޕޭ ޖެހުމުގެ ސަބަބުންނާއި ތޫނު އަޑު ފޮނުވާ އާލާތް ބޭނުންކުރުމުގެ ސަބަބުން އެ ޕާޓީގެ ހުޅުމާލޭ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔައެވެ.
ތޫނު އަޑު ފޮނުވާ އާލާތް ނުވަތަ ލޯންގް ރޭންޖް އެކޮއިސްޓިކް ޑިވައިސް (އެލްއާރްއޭޑީ)އަކީ އިވުމުގެ ހިއްސަށް އަސަރުކޮށް، ބޯ އަނބުރައި، ހޮޑުލަވައި އަދި އެ ނޫން ވެސް ބައިވަރު ސިއްހީ މައްސަލަތަކެއް ކުރިމަތިކުރުވާ އެއްޗެއްކަން އެމްޑީޕީން ފާހަގަކުރިއެވެ.