އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި "ލޫޓުވައިފި" އެއްވުމުގެ ތެރެއިން ތިން ފުލުހަކަށް އަނިޔާވެގެން ފަރުވާދިން ކަމަށް ފުލުހުންގެ އިދާރާއިން މިރޭ ބުނެފިއެވެ.
އެ އިދާރާއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ތިން ފުލުހަކަށް އަނިޔާވި އިރު އޭގެ ތެރޭ ހިމެނެނީ އަންހެން ފުލުހަކާއި ފިރިހެން ދެ ފުލުހުން ކަމަށެވެ.
އެގޮތުން އަންހެން ފުލުހަށް އަނިޔާވެފައިވަނީ ޝީލްޑާއެކު ވެއްޓި، އެ ފުލުސް މީހާގެ ގައިމަތިން އެއްވުމުގެ ބައެއް ބައިވެރިން ހިނގުމުންކަމަށް ފުލުހުން ބުންޏެވެ.
ދެ ފިރިހެން ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެފައިވަނީ ބެރިކޭޑުން ޖެހުމުން ކަމަށާއި އަނެއް ފިރިހެން ފުލުހަށް އަނިޔާވީ ޝީލްޑް ތަކުގައި އެވްވުމުގޭ ބައިވެރިން ޖެހުމުން ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވީ ދެ ފުލުހަކަށް ސެނަހިޔާ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށާއި، އަނެއް ފުލުސް މީހާއަށް އޭޑީކޭގައި ފަރުވާދިން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ރޭގެ އެއްވުމާ ގުޅިގެން ފުލުހުން ގެންދަނީ ފުލުހުން އަމަލުކުރި ގޮތް ދިފާއުކޮށް ދިވެހިބަހުންނާއި، އިނގިރޭސިން ބަހުން ވެސް ބަޔާންތައް ނެރެެމުންނެވެ.
އެގޮތުން ފުލުހުން ފާހަގަކުރި އެއް ކަމަކީ ރޭގެ އިހުތިޖާޖުގައި ފުލުހުން އަމަލުކުރީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ބާރުގެ ބޭނުން ވެސް ކުރީ ގާނޫނު ހުއްދަކުރާ ގޮތުގެ މަތީން ކަމަށެވެ.
ރޭގެ އިހުތިޖާޖު ފެށި، މަޖީދީ މަގަށް ނިކުންނަން މަސައްކަތްކުރުމާއެކު ސަތޭކައެއްހައި ފުލުހުން އެއްވެ، ޝީލްޑް ޖަހައި މަގު ބަންދުކުރިއެވެ. އަދި އިހުތިޖާޖުގެ ކުރީ ސަފުގައި ތިބި ބައިވެރިންނާއި، ޝީލްޑު ހިފައިގެން ތިބި ފުލުހުންނާ ދެމެދު ކޮންމެެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގައި، ޕެޕާ ސްޕްރޭ ވެސް ޖަހަމުން ދިޔައެވެ.
އެހެންވެ އިހުތިޖާޖުގައި ބައިވެރިވި އާންމުންނަށް ވެސް ވަނީ އަނިޔާވެފައެވެ. އެ ކަންކަން ކުށްވެރިކޮށް އިހުތިޖާޖު އިންތިޒާމުކުރި އެމްޑީޕީން ވެސް ބަޔާން ނެރުނެވެ.