ރޭގެ މުޒާހަރާގައި، ބާރު އަޑު ފޮނުވައި، ބާރުގެ ބޭނުންކުރީ "ކެތްތެރިކަމާއި ޕްރޮފެޝަނަލް"ކޮށް: ފުލުހުން

އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން: ފުލުހުން ބުނީ އަމަލުކުރީ ކެތްތެރިކަމާއި ޕްރޮފެޝަނަލްކަމާ އެކު ކަމަށް -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް

އިދިކޮޅު މައި ޕާޓީ އެމްޑީޕީން "ލޫޓުވައިފި"ގެ ނަމުގައި ރޭ ބޭއްވި އެއްވުން ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި ކަމަށް އެ ޕާޓީން ބުނި ނަމަވެސް، އެއްވުން ރޫޅާލުމުގައި އިސްކުރީ ގާނޫނާއި ގަވައިދުތަކުގެ ހަމަތަކާއި، "ކެތްތެރިކަމާއި ޕްރޮފެޝަނަލްކަން" ކަމަށް، ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ރޭގެ އެއްވުން ކުރިއަށް ގެންދިއުމުގައި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެ އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުންނާއެކު ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ޚިލާފަށް އަަމަލުކުރި ކަމަށެވެ. އެގޮތުން އެއްވުމުގެ ބައިވެރިން މަޖީދީމަގުން ދިއުމަށް މަސައްކަތްކުރުމުން އެ މަގުން އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށާއި، ކުރިން އެއްބަސްވެފައިވާ ގޮތަށް އެއްވުން ކުރިއަށް ގެންދަން ނަސޭހަތްދިން ކަމަށް ބުންޏެވެ.

https://sun.mv/212212

ނަމަވެސް އެއްވުމުގެ ބައިވެރިން އެގޮތަށް އަމަލުނުކޮށް ފުލުހުންނާ ކުރިމަތިލައި، ބެރިކޭޑާއި ފުލުހުންގެ ޝީލްޑުތައް ނަގައި އެއްލާލުން ފަދަ، ގާނޫނާ ޚިލާފު ކަންކަން ހިންގާފައިވާ ކަމަށް، ފުލުހުން ބުންޏެވެ.

އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން: އެއްވުމުގެ ބައިވެރިން ވަނީ މަޖީދީ މަގުން ކުރިއަށްދާން މަސައްކަތްކޮށްފައި -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް

އެހެންކަމުން، ގާނޫނުގައި ބަޔާންކޮށްފައިވާ ސުލްހަވެރި އެއްވުމުގެ ސިފަ، އެއްވުމުގެ ބައިވެރިންގެ އަމަލުތަކުން ގެއްލިފައިވާކަން ހާމަވާ ކަމަށް އެ އިދާރާގެ ބަޔާނުގައި ބުންޏެވެ.

އަދި ފުލުހުންގެ ފަރާތުން ލިޔުމުންދޭ ހުއްދައަކާ ނުލައި، މާލޭގައި އެއްވެސް ހިނގާލުމެއް ބާއްވަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަން ފިޔަވައި އެހެން ސަރަހައްދެއްގައި އެއްވުން ކުރިއަށް ނުގެންދެވޭނެކަމަށް އެއްވުމުގެ ބައިވެރިންނަށް ނަސޭހަތާއި އިންޒާރުދީފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގާނޫނާ ޚިލާފަށް ބާރުގެ ބޭނުންކުރި ކަމަށް ކުރާ ތުހުމަތުތަކަށް ރައްދުދެމުން ފުލުހުން ބުނީ، އެމްޑީޕީގެ އެއްވުން ހުއްޓުވުމަށް ޓަކައި ފުލުހުން އަމަލުކުރީ ގާނޫނުގެ ތެރެއިން، ގާނޫނު ހުއްދަކުރާ ބާރުގެ ބޭނުން "ކެތްތެރިކަމާއި ޕްރޮފެޝަނަލް"ކަމާ އެކު ކަމަށެވެ.

އެ އެއްވުން ހުއްޓުވުމަށް ޓަކައި ފުލުހުން ބޭނުންކުރި ބާރަކީ ފުލުހުން ބުނި ގޮތުގައި، ގާނޫނުގެ ދަށުން ފުލުހުންނަށް ދީފައިވާ ބާރާއި އިޚްތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގައިވާ ހުއްދަކޮށްފައިވާ ބާރުތަކެއް ކަމަށް، ފުލުހުން ބުނެއެވެ.

އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން: އެއްވުމުގެ ބައިވެރިން ވަނީ މަޖީދީ މަގުން ކުރިއަށްދާން މަސައްކަތްކޮށްފައި -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް

ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީގެ އެއްވުމުގައި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅި ކަމަށާއި، އެ އަމަލު ހިންގި މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ރޭ ފުލުހުން ބުނެފައިވެއެވެ.

އާޓިފިޝަލް ބީޗުން ނިކުމެ، މަޖީދީ މަގަށް އެއްވުމުގެ ބައިވެރިން ނިކުތުމުން އެސްއޯ ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. އެއަށްފަހު، އެއްވުމުގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، ފުލުހުން ވަނީ ރޭ ޕެޕާ ސްޕްރޭ ވެސް ޖަހައިފައެވެ. އޭގެ އިތުރުން، އެއްވުން ރޫޅާލުމަށް ޓަކައި ބާރު އަަޑެއް ފޮނުވައި އެލްއާރުއޭޑީ ވެސް ފުލުހުން ވަނީ ބޭނުންކޮށްފައެވެ.

އެމްޑީޕީން ރޭ ބޭއްވި އެއްވުމަކީ ނިރުބަވެރި ހަރަކާތެއްގެ ގޮތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ސިފަކުރައްވައިފައެވެ. އަދި އެމްޑީޕީގެ އެއްވުމާ ގުޅިގެން ސަރުކާރު ދިފާއުކުރައްވައި، ވަޒީރުންވެސް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރައްވާފައިވެއެވެ.

https://sun.mv/212226

އެމްޑީޕީގެ ރޭގެ އެއްވުމުގެ ތެރެއިން ހަތް މީހަކު ހައްޔަރުކުރިއިރު، އެކަކު ވަނީ ރޭ ޝަރުތުކުރުމަށްފަހު ދޫކޮށްލައިފައެވެ. ބާކީ ތިބި މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހިމެނެއެވެ. އެ ތިން މީހުން ވެސް ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.

comment ކޮމެންޓް