ސައިކަލެއް ވަގަށް ނެގުން: 2 މީހުން ވެސް ބުނީ ދުއްވީ ދެން ހުރި މީހާ ކަމަށް

މާލޭ ޕާކިންއެއްގައި ސައިކަލުތަކެއް ޕާކުކޮށްފައި: ސައިކަލެއް -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ސައިކަލެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކުރުމުން، ދުއްވީ ދެން ހުރި މީހާ ކަމަށް ދެ މީހުން ވެސް ކްރިމިނަލް ކޯޓުގައި އިއްޔެ ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ، ރ. މަޑުއްވަރީއަށް ނިސްބަތްވާ ފިރިހެނަކާއި ހދ. ވައިކަރަދުއަށް ނިސްބަތްވާ ފިރިހެނެކެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައެވެ.

މި މައްސަލައިގައި ސުވާލުކުރުމުން އެކަކު ބުނެފައިވަނީ އެއީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ނޭނގޭ ކަމަށާއި ސައިކަލު ދުއްވަން އިނީ އަނެއް މީހާ ކަމަށެވެ. އެކަމަކު، މައްސަލައިގައި ދެން ހުރި މީހާ ވެސް ބުނީ، ސައިކަލު ދުއްވީ ދެން ހުރި މީހާ ކަމަށެވެ.

މި މައްސަލައިގައި ކޯޓަށް ސީނަށް ދިޔަ ފުލެހެއްގެ ބަޔާން ހުށަހަޅާފަައިވާކަން އެނގެއެވެ. ހާދިސާ ރިޕޯޓާ ހަވާލާދީ އަމުރުގައި ބުނީ، ސައިކަލު ދުއްވަން އިނީ ކާކުތޯ ފުލުހުން ސުވާލުކުރި ކަމަށެވެ. އަދި، ދުއްވަން އިނީ މަޑުއްވަރިއަށް ނިސްބަތްވާ މީހާ ކަމަށް ބުނެފައިވާކަމަށް ރިޕޯޓާ ހަވާލާދީ އަމުރުގައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީ، މި ބާވަތުގެ ބަންދުގެ ރިކޯޑު އޮތް ބަޔެކެވެ. ކޯޓުން ދެ މީހުންގެ މައްޗަށް ކޮށްފައިވަނީ ވައްކަމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުފޯރުވުމުގެ ތުހުމަތެވެ.

ފާހަގަކުރެވޭ ގޮތުގައި، ސައިކަލު ވަގަށް ނަގައިގެން ދޭތެރެއަކުން މީހުން ހައްޔަރުކުރެއެވެ. އެފަދަ ސައިކަލުތައް ގެއްލިގެން ފުލުހުންނަށް ހުށަހަޅާއިރު، މިދިޔަ މަހު ޖުމުލަ 399،000 ރުފިޔާގެ 10 ސައިކަލެއް ހުޅުމާލެ ޕޮލިހުން ވަނީ ހޯދާފައެވެ.

comment ކޮމެންޓް