އިދިކޮޅު އެމްޑީޕީގެ މުޒާހަރާއިން ރޭ ހައްޔަރުކުރި ހަތް މީހެއްގެ ތެރެއިން އެކަކު ދޫކޮށްލައި، އަނެއް ހަ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ވަދެގަންނަން މަސައްކަތްކުރުމުން ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ބައެއް މީހުން ހައްޔަރުކުރިއެވެ. އެ ޕާޓީގެ ފަރާތުންނާއި ލީޑާޝިޕްގެ ބޭފުޅުން އަންނަނީ ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލަން ގޮވާލަމުންނެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލަކު 'ސަން'އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މުޒާހަރާގައި ހައްޔަރުކުރި ހަތް މީހެއްގެ ތެރެއިން ދޫކޮށްލީ އެންމެ މީހެއް ކަމަށެވެ. އަނެއް ހަ މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހާފައެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހިމެނެއެވެ. އެ ތިން މީހުން ވެސް ވަނީ 15 ދުވަހަށް ބަންދުކޮށްފައިކަން ވަނީ އެނގިފައެވެ.
ދެން ހިމެނޭ ތިން މީހުންނަކީ:
- އަލީ ޖުމާން
- އަޒީމް އަލީ
- ހަސަން ޝާކިރު
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ބުނީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސް އަޅައި، ފުލުހުންގެ އާލާތަށް ގެއްލުން ދިނުމުގެ ތުހުމަތުގައި މުޒާހަރާއިން އަށް މީހަކު ހައްޔަރުކުރި ކަމަށެވެ.
އޭގެ ތެރެއިން ހަތް މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހަ މީހަކު 15 ދުވަހަށް ބަންދުކުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި، އެކަކު ޝަރުތުތަކަށް ފަހު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، ހައްޔަރުކުރި އަށްވަނަ މީހާއަށް ވީގޮތެއް ފުލުހުން ނުބުނެއެވެ.
ބަންދުން ދޫކޮށްލީ އެމްޑީޕީން ބުނި ގޮތުގައި މުހައްމަދު ޚަލަފް އިބްރާހިމް ކިޔާ މީހެކެވެ. އަދި، އަށްވަނަ މީހާއަކީ ހުސައިން ޒަރީރު ކަމަށާއި 24 ގަޑިއިރު ހަމަވުމުން އޭނާ ދޫކޮށްލާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ބައިވެރިން ވަނީ އާޓިފިޝަލް ބީޗުން ނުކުމެ މަޖީދީ މަގަށް މިސްރާބު ޖަހައިފައެވެ. އެކަމަކު، ފުލުހުން ވަނީ މަޖީދީ މަގަށް ނުވަދެވޭ ގޮތަށް ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ. މުޒާހަރާ ކޮންޓްރޯލްކުރަން އުޅުމުގެ ތެރޭގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ.
ފުލުހުން ވަނީ އެއްވުމުގެ ތެރެއިން އަށް މީހަކު ހައްޔަރުކުރި ކަމަށް ބުނެފައެވެ. އަދި، އެމްޑީޕީން އަންނަނީ އެ މީހުންނަށް ވަކީލެއްގެ ހައްގު ވެސް ނުދޭ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހިމެނޭހެން އަންނަނީ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލަން ގޮވާލަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މުޒާހަރާގެ ތެރެއިން މާ ކައިރިން ޕެޕާ ސްޕޭ ޖެހުމުގެ ސަބަބުންނާއި ތޫނު އަޑު ފޮނުވާ އާލާތް ބޭނުންކުރުމުގެ ސަބަބުން އެ ޕާޓީގެ ހުޅުމާލޭ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ތޫނު އަޑު ފޮނުވާ އާލާތް ނުވަތަ ލޯންގް ރޭންޖް އެކޮއިސްޓިކް ޑިވައިސް (އެލްއާރްއޭޑީ)އަކީ އިވުމުގެ ހިއްސަށް އަސަރުކޮށް، ބޯ އަނބުރައި، ހޮޑުލަވައި އަދި އެ ނޫން ވެސް ބައިވަރު ސިއްހީ މައްސަލަތަކެއް ކުރިމަތިކުރުވާ އެއްޗެއްކަން އެމްޑީޕީން ފާހަގަކުރިއެވެ.