އަނބު ބިނީ އަތްލެވޭ ހިސާބުގައި ހުރީމާ ކަމަށް، ގަހަކުން ވަގަށް ހަތަރު އަނބު ބިނދެގެން ހައްޔަރުކުރި ދެ މީހަކު ކޯޓުގައި އިއްޔެ ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށް އިއްޔެ ކްރިމިނަލް ކޯޓުން ބަންދު މުއްދަތު ޖެހީ، ގދ. ރަތަފަންދޫއަށް ނިސްބަތްވާ މީހަކާއި ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ މީހަކަށެވެ. ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާއިރު، އެ މީހުންނަށް ކޮށްފައިވަނީ ވައްކަމުގެ ތުހުމަތެވެ.
ދެ މީހުން ވެސް ކޯޓުގައި ބުނީ، އެ އަނބު ގަހަކީ މަގުމައްޗަށްވާ ގޮތަށް ހުރި އަނބު ގަހެއް ކަމަށާއި އެ ގަހުން އަނބު ބިނުމަކީ މަނާކަމެއްކަން ނޭނގޭ ކަމަށެވެ.
އަނބު ބިނީ ގަހަށް އަރައިގެން ނޫން ކަމަށާއި ބިންމަތީގައި ހުރެގެން އަތްލެވޭ ވަރަށް އަނބުތައް ހުރުމުން ކަމަށް ދެ މީހުން ވަނީ ބުނެފައެވެ. އެ ދެ މީހުން ވެސް ބިނީ ހަތަރު އަނބު ކަމަށް އެ މީހުން ބުނެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެ ވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށް ބެލެވޭ ކަމަށް އަމުރުގައިވެއެވެ. އެގޮތުން ހުށަހަޅާފައިވަނީ ސީނަށް ދިޔަ ފުލުހެއްގެ ހާދިސާ ރިޕޯޓުކަން އަމުރުން އެނގެއެވެ.
އެ ރިޕޯޓާ ހަވާލާދީ އަމުރުގައި ވަނީ، އެ ތަނުން އެކަކު އޮތީ އަނބު ގަހުގައި ކަމަށާއި އަނެއް މީހާ ހުރީ އަނބު ހޮވަންކަން އެނގޭ ކަމަށެވެ. ދެ މީހުންނަކީ ބަންދުގެ ރިކޯޑު އޮތް ދެ މީހުންނެވެ.
މީގެކުރިން ވެސް ވަގަށް އަނބު ބިން މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ.