އިދިކޮޅު އެމްޑީޕީން މިރޭ ބޭއްވި "ލޫޓުވައިފި, ލޫޓުވައިފި" މުޒާހަރާގައި ބައިވެރިވި, އެ ޕާޓީގެ މެންބަރަކަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލަކު "ސަން" އަށް މިރޭ ވިދާޅުވިގޮތުގައި މުޒާހަރާގައި ބައިވެރިވި އެ ޕާޓީގެ ފިރިހެން މެންބަރަކަށް ހާޓް އެޓޭކެއް ޖެހިގެން އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މުޒާހަރާގެ ތެރެއަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުން ހާސްވެގެން ކަމަށް ވަކީލު ވިދާޅުވިއެވެ.
ހާޓް އެޓޭކް ޖެހުނު މީހާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން މި ވަގުތު އައިޖީއެޗްގައި އެބަ ތިއްބެވިއެވެ.
އެތައް ސަތޭކަ ބަޔަކާއެކު, އާޓިފިޝަލް ބީޗުގައި މިރޭ 21:00 ކަންހާއިރު ފެށި އެއްވުމުގެ ބައިވެރިން މަޖީދީމަގުން ކުރިއަށް ދާން އުޅުމުން, ފުލުހުން ވަނީ އެކަމަށް ހުރަސް އަޅައިފައެވެ. ފުލުހުން ބުނިގޮތުގައި މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން އުޅުނީ ހުއްދަ ދީފައިވާ ރޫޓުން ނޫން ކަމަށެވެ.
އެއާއެކު ދެން ފެނިގެން ދިޔައީ މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި މަންޒަރެވެ. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައިފައެވެ. މި މުޒާހަރާގެ ތެރެއިން 10 ވަރަކަށް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ.