"ލޫޓުވައިފި, ލޫޓުފައިފި" ނަމުގައި ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ, އިދިކޮޅު އެމްޑީޕީން މިރޭ އެއްވުމެއް ބާއްވަން ނިންމާފައި ވަނިކޮށް, މިއަދާއި މިރޭ މާލޭގެ އެކި ހިސާބުތައް ބަންދު ކުރަން ފުލުހުން ނިންމައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ މުއައްސަސާއިން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދު ކުރާނެ ކަމަށެވެ.
މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށްް ދިމާވެދާނެ ދަތިތަކަށް އެ މުއައްސަސާއިން ވަނީ މައާފަށް އެދިފައެވެ.
ހަފުތާގެ ބަންދުގައި އާއްމުކޮށް މަގުމަތިތައް ހަލަބޮލި މި ދުވަހު މިފަދަ ނިންމުމެއް ފުލުހުން ނިންމި ސީދާ ސަބަބެއް ހާމައެއް ނުކުރެއެވެ. އަދި ބަންދު ކުރަނީ ކޮން ސަރަހައްދުތަކެއް ކަމެއް ވެސް ނުބުނެއެވެ.
މިރޭ 20:30 ގައި އާޓިފިޝަލް ބީޗުގައި އެމްޑީޕީގެ އެއްވުން ފަށާއިރު ވަކި ހިސާބަކުން މަގުތަކަށް ނުކުތުމަށް ވެސް އެ ޕާޓީން ވަނީ ނިންމައިފައެވެ. މި އެއްވުމުގައި ބައިވެރިވާން އަތޮޅުތެރޭ ރަށްރަށުން ވެސް މާލެއަށް މީހުން އަންނަމުން ދާ ކަމަށް އެމްޑީޕީން ބުނެއެވެ.
ފުލުހުން ވަނީ މިރޭގެ އެއްވުމުގައި ހަމަނުޖެހުންތަކެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ކުރިން އިއުލާން ކޮށްފައެވެ. އެއީ ސިޔާސީ މިފަދަ އެއްވުންތަކާ ގުޅުވައި މީގެ ކުރީ ސަރުކާރުތަކުގައި ވެސް ފުލުހުން ބުނެފައި ހުންނަ ވާހަކަތަކެކެވެ.
މި ފަހުން ފުލުހުން ވަނީ ތައްޔާރީ ހާލަތު ޔަގީން ކުރުމަށް, ހުޅުމާލެ އާއި މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ފުލުހުން ނެރެ އެކިއެކި ޓްރެއިނިންތައް ވެސް ކުރިއަށް ގެންގޮސްފައެވެ.