މިދިޔަ މަހު، ހުޅުމާލެ ޕޮލިހުން ޖުމުލަ 89،900 ރުފިޔާގެ 21 ފޯނު ހޯދި

މީގެ ކުރިން ފުލުހުން އަތުލައިގަތް ފޯނުތަކެއް: މިދިޔަ މަހު، ހުޅުމާލެ ޕޮލިހުން 89،900 ރުފިޔާގެ 21ފޯނު ހޯދި ---- ފޮޓޯ/ ފުލުހުން

ހުޅުމާލެ ޕޮލިހުން ނިމުނު ސެޕްޓެމްބަރު މަހުގައި، ޖުމުލަ 89،900 ރުފިޔާގެ 21 ފޯނު ހޯދައިފިއެވެ.

މަކަރާ ހީލަތުގެ ކަންކަމާއި އެހެނިހެން ގޮތްގޮތަށް ގެއްލޭ ތަކެތި ހޯދުމަށް ފުލުހުންނަށް ހުށަހަޅައެވެ. އެގޮތަށް ގެއްލިގެން އަގުބޮޑެތި ސާމާނުތައް ހޯދަން ހުށަހަޅާއިރު، ފުލުހުންނަށް ހޯދޭ ތަކެތި ވެރިފަރާތާ ހަވާލުކޮށްދެއެވެ.

ފުލުހުން މިއަދު ވަނީ، މިދިޔަ ސެޕްޓެމްބަރުގައި ހުޅުމާލޭ ޕޮލިހުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެގޮތުން، ސެޕްޓެމްބަރުގައި އެކަނި ހުޅުމާލެ ޕޮލިހުން ޖުމުލަ, 89،900 ރުފިޔާގެ 21 ފޯނު ހޯދާފައިވާއިރު، ޖުމުލަ 399،000 ރުފިޔާގެ ދިހަ ސައިކަލެއް ވެސް ވަނީ ހޯދާފައެވެ.

އޭގެއިތުރަށް، އެގާރަ އިލެކްޓްރޯނިކްސް ވެސް ސެޕްޓެމްބަރުގައި ހުޅުމާލޭ ޕޮލިހުން ވަނީ ހޯދާފައެވެ. އެތަކެތީގެ އަގު 1،2500 ރުފިޔާއަށް އަރާއިރު، 57،679 ރުފިޔާ ވެސް ފުލުހުން ވަނީ ހޯދާފައެވެ. ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، 111 އެހެނިހެން ތަކެތި ވެސް ސެޕްޓެމްބަރުގައި ހުޅުމާލެ ޕޮލިހުން ހޯދިއެވެ. އެތަކެތީގެ ޖުމުލަ އަގު، 64،840 ރުފިޔާއަށް އަރައެވެ.

ހުޅުމާލެ ޕޮލިހުން މިދިޔަ މަހުގެ ނިޔަލަށް ވަނީ، ހިނގާފައި ޕެޓްރޯލް ކުރުމުގައި 1011 ގަޑިއިރާއި 19 މިނެޓު ހޭދަކޮށްފައެވެ. އަދި 25،103 ލޮކޭޝަނެއް ޗެކުއިރު، މީހުން ހުއްޓުވައިގެން ސުވާލު ވެސް ކުރިއެވެ.

ހުޅުމާލޭގައި މަސައްކަތް ކުރާ ފުލުހުން, ޖުމުލަ 2354 މީހަކު ހުއްޓުވައި މިދިޔަ މަހު ސުވާލުކުރިއިރު، އޭގެ ތެރޭގައި ކުށުގެ ރެކޯޑު އޮތް 1،490 މީހުން ހިމެނެއެވެ. އަދި، ކުށުގެ ރެކޯޑު ނެތް 855 މީހަކާ ވެސް ޕޮލިހުން ވަނީ ސުވާލުކޮށްފައެވެ.

ފުލުހުން ބުނީ، މިއީ ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި މަގުތަކަށް ހަދައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

comment ކޮމެންޓް