"ހެލޯ ކިޓީ" ދަބަހެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ

ދިވެހި އަންހެން ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން: ހެލޯ ކިޓީ ބްރޭންޑްގެ ދަބަހެއްގެ ވެރިފަރާތް ހޯދަން ފުލުހުން ވަނީ އިއުލާން ކޮށްފައި-- ފޮޓޯ: ފުލުހުން

ހެލޯ ކިޓީ ބްރޭންޑުގެ ދަބަހެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ދޭތެރެއަކުން އަންނަނީ, އެ އިދާރާގެ ބެލުމުގެދަށުގައި ހުރި, ކާކުގެ އެއްޗެއްކަން ނޭނގޭ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން އިއުލާން ކުރަމުންނެވެ.

އެގޮތުން އިއްޔެ ފުލުހުން ކުރި އިއުލާނެއްގައި ބުނީ މިދިޔަ ބުދަ ދުވަހު, ހުޅުމާލެއިން ކާރެއްގެ ތެރެއިން ހޮވައިގެން ގެނެސްފައިވާ ހެލޯ ކިޓީ ބްރޭންޑުގެ ދަބަހެއް އެ އިދާރާގައި އެބައޮތް ކަމަށެވެ.

މީގެ އިތުރުން މިދިޔަ ހޯމަ ދުވަހު, ހުޅުމާލެ ޝުވެކް ސިނަމާ ކައިރިން ހޮވައިގެން ގެނެސްފައިވާ މޯބައިލް ފޯނެއް ވެސް އެބައޮތް ކަމަށް ފުލުހުން ބުންޏެވެ.

މި ތަކެތީގެ ވެރިފަރާތުން 9980062 އަށް ގުޅައި, މައުލޫމާތު ދިނުމަށް ފަހު, ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން އެދެއެވެ.

މީގެ އިތުރުން ފުލުހުން ހަމަ އެ އިއުލާންގައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހިޔާ ޓަވަރު ހަތަރެއްގެ އިރުމަތީފަރާތު ޕާކިން އޭރިއާއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއްގެ ވެރި ފަރާތް ހޯދަން ވެސް އެދިފައެވެ.

އެ ބައިސްކަލުގެ ވެރިފަރާތުން 9393351 އަށް ގުޅައި މައުލޫމާތު ދިނުމަށް ފަހުގައި, ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ އެއާ ހަވާލު ވުމަށް ފުލުހުން އެދެއެވެ.

މިގޮތަށް ދޭތެރެދޭތެރެއިން ފުލުހުން އިއުލާންތައް ކުރާއިރު, އެ ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރާ ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ.

comment ކޮމެންޓް