ފުވައްމުލަކު މާލެގަން އަވަށުގައި ހުންނަ ޔޫރޯ ސްޓޯރު ފަޅާލައި އެތަނުން ގިނަ އަދަދެއްގެ ސިނގިރޭޓާއި ފޯނެއް ވަގަށް ނެގި އެ ރަށު މީހަކު އެއް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި އަހަރުގެ މޭ މަހު ހިނގި މި ވައްކަމާ ގުޅިގެން ދައުލަތުން ދައުވާ ކޮށްފައިވަނީ, ފުވައްމުލަކު, ފުނާޑު، މީހެއްގެ މައްޗަށެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މޭ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ދަންވަރު، އޭނާ ވަނީ ފުވައްމުލަކު ޔޫރޯ ސްޓޯރުގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައަށްވަދެ، ފިހާރައިގެ ގުދަނުން މަލްބަރޯ ހާޑް ތިން ކޭހާއި އިތުރު ތިން ކާޓޫނު ސިނގިރޭޓްގެ އިތުރުން މޯބައިލް ފޯނެއް ވަގަށް ނަގާފައެވެ.
މި ވައްކަމާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލިއެވެ. އެއީ، ވައްކަމުގެ ދައުވާއަކާއި މުދަލަށް ގެއްލުންދިނުމުގެ ދައުވާގެ އިތުރުން އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ދައުވާއެވެ.
މިދިޔަ ހަފުތާގައި، މި ތިން މައްސަލަ ކްރިމިނަލް ކޯޓުން ނިންމިއިރު، ޝަރީއަތުގައި ތިން މައްސަލައަށްވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ. ތިން މައްސަލައަށްވެސް އިއުތިރާފުވެ، އޭނާ ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުން ހަދާފައެވެ.
ދައުލަތުން އޭނާއާ ދެކޮޅަށް ދައުވާ ކުރި ތިން މައްސަލައިގެ ތެރެއިން ވައްކަމުގެ މައްސަލައިގެ ހުކުމަކަށް އިއްވާފައިވަނީ ނުވަ މަހާއި 19 ދުވަހުގެ ޖަލު ހުކުމެކެވެ.
މުދަލަށް ގެއްލުން ދިނުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް އިއްވީ، އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ސާބިތުވެ އިއްވީ 27 ދުވަހުގެ ޖަލު ހުކުމެކެވެ.
އެހެންކަމުން މި މައްސަލައިގައި އޭނާއަށް ޖުމުލަ ވަނީ 12 މަހާއި 10 ދުވަހުގެ ޖަލު ހުކުމެއް އައިސްފައެވެ.