ފުވައްމުލަކު ސިޓީ އެއާޕޯޓު ފެންސް މަތިން އަރަން އުޅެ، އެއާޕޯޓު މުވައްޒަފަކަށް ހަމަލާ ދިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ފުވައްމުލަކު އެއާޕޯޓް ފެންސް މަތިން އަރަން އުޅުނު ބަޔަކު ހުއްޓުވި އެއާޕޯޓުގެ ސެކިއުރިޓީ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަތިހު 4:05 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.