އަޖޭގެ ދެ ކުދިންގެ ނަން ރަމްޒުކޮށްދޭ 'އެންވައި ސިނަމާސް' ރީބްރޭންޑްކޮށްފި

އަޖޭ އެކްޓަރުގެ ދެ ކުދިން ނައިސާ އަދި ޔުގްއާ އެކު--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ އަމިއްލަ ކުންފުނި "އެންވައި ސިނަމާސް" މުޅީން އާ ނަމެއްދީ ރީބްރޭންޑްކޮށްފިއެވެ.

އިންޑިއާގެ އެކި ސިޓީތަކުގައި ސިނަމާތަކެއް ހުޅުވާފައިވާ 'އެންވައި ސިނަމާސް'ގެ އަލުން ރީބްރޭންޑްކޮށްފައި ވަނީ "ދޭވްގަން ސިނެކްސް"ގެ ނަމުންނެވެ.

އެ ކުންފުނި ރީބްރޭންޑް ކޮށްފައި ވަނީ ވިޝާން ސަމުދުރާ ގްރޫޕާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ދެ ކުންފުނި ހިއްސާވާ ގޮތަށެވެ. 'އެންވައި ސިނަމާސް' އަކީ އަޖޭގެ ދެ ކުދިން ކަމަށްވާ ނައިސާ ދޭވްގަން އާއި ޔުގް ދޭވްގަންގެ ނަންތައް ރަމްޒުކޮށްދޭ ނަމެކެވެ.

އަޖޭގެ 'އެންވައި ސިނަމާސް'ގެ ރީބްރޭންޑްކުރިކަން އިއުލާނުކުރި ހަފްލާގައި--ފޮޓޯ/ޕިންްކްވިލާ

އެ ކުންފުނީގެ ނަން ބަދަލުކޮށް ރީބްރޭންޑް ކުރުމާ ގުޅޭގޮތުން އަޖޭ ބުނީ އިންޑިއާގެ ސިނަމާތަކަށް މުޅީން އާ ބާބެއް އިތުރުވެ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް "ދޭވްގަން ސިނެކްސް"ގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ކުންފުނީގެ އަމާޒަކީ ފިލްމު ބަލަން ތިއޭޓަރުތަކަށް ދާ އޯޑިއަންސަށް ފިލްމުތައް އެންމެ ކޮލިޓީކޮށް ގެނެސްދިނުން ކަމަށާއި ތިއޭޓަރުގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ އެތައް ގުނައެއް ރަނގަޅު ކުރުން ކަމަށް އަޖޭ ވަނީ ބުނެފައެވެ.

ބޮޑު ސްކްރީނުގައި ފިލްމެއް ބަލާލުމަކީ ވަރަށް ތަފާތު އިހުސާސެއް ކުރުވާ ކަމެއް ކަމަށާއި އަމިއްލަ ސިނަމާ ކުންފުންޏެއް އުފެއްދުމުގެ ޚިޔާލު އައީ ވެސް އަޖޭއަށް ސިނަމާގައި ކުރެވޭ ތަޖުރިބާ އެއަށްވުރެ ރަނގަޅު ފެންވަރެއްގައި އޯޑިއަންސަށް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އަޖޭގެ އިތުރުން ބަތަލާ ކާޖޮލް އާއި ދެ ކުދިން ބައިވެރިވި ރީބްރޭންޑިންގް ހަފްލާގައި އަޖޭ ބުނެފައި ވަނީ، އެ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒަކީ "ދޭވްގަން ސިނެކްސް"ގެ ދަށުން ސައުތު ސިނަމާގައި ފެންވަރު ރަނގަޅު ސިނަމާތަކެއް ތައާރަފްކުރުން ކަމަށެވެ.

comment ކޮމެންޓް