އިންޑިއާގައި ބޭއްވި ކުމްބް މޭލާގެ ތެރެއިން މަގުބޫލުކަން ހޯދި މޮނަލީސާ ބޯސްލޭއަށް ފިލްމީ ދާއިރާއިން ފުރުސަތުތައް ދޭނެ ކަމަށް ބުނެ ފިލްމު ޑައިރެކްޓަރަކު ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކޮށްފިއެވެ.
މިދިޔަ އަހަރު ޕްރަޔާގުރާޖް ކުމްބް މޭލާގެ ތެރެއިން އާންމުންގެ ސަމާލުކަން ހޯދި މޮނަލީސާ ބޯސްލޭ، އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، ފިލްމު ޑައިރެކްޓަރު ސަނޯޖް މިޝްރާ ފިލްމުތަކުން ފުރުސަތު ދޭނެ ކަމަށް ބުނެ ކުޑަކުދިންނާ މެދު ބަދުއަޚުލާގީ އަމަލުތައް ހިންގާފައިވާ ކަމަށެވެ.
ކެރެލާގެ ކޮޗީގައި ބޭއްވި މި ބައްދަލުވުމުގައި ބޯސްލޭ ވަނީ އޭނާއާއި އޭނާގެ ފިރިމީހާއަށް މަރުގެ އިންޒާރު ލިބެމުންދާތީ، އެ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިންޑިއާގެ މަރުކަޒީ ސަރުކާރަށާއި، ކެރެލާ އަދި މަދްޔަ ޕްރަދޭޝްގެ ސަރުކާރަށް ވެސް ގޮވާލާފައެވެ.

މޮނަލިސާ އޭނާގެ ފިރިމީހާ ފަރުމާން ޚާންއާ އެކު ނޫސްވެރިންގެ ބައްދަލުވުމުގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ފިރިމީހާ ފަރުމާން ޚާނާއެކު ނޫސްވެރިންނާ ވާހަކަދައްކަމުން ބޯސްލޭ ބުނީ، އޭނާގެ ފޮޓޯ ޖަހާފައިވާ ޕޯސްޓަރުތައް އަންދަމުންދާ ކަމަށާއި، ވަކި ބައެއްކަން ނޭނގޭ ގޮތަށް އެކި ފަރާތްތަކުން އެ ދެމަފިރިންނަށް އިންޒާރު ދެމުންދާ ކަމަށެވެ.
މީގެ އިތުރުން، އެ ޑައިރެކްޓަރު އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަދައްކާ ކަމަށާއި، އޭނާގެ ފިލްމުތަކުން ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށްވެސް ބޯސްލޭ ތުހުމަތުކުރިއެވެ.
"އޭނާގެ ފިލްމުތަކުގައި މަސައްކަތް ކުރަން ބޭނުންވަނީ ކާކު؟ އޭނާއަކީ ވަރަށް ނުލަފާ، ހުތުރު އަމަލުތައް ހިންގާ މީހެއް. ފިލްމުގެ ނަމުގައި އޭނާ ކުޑަކުދިންނަށް ގޯނާކުރޭ. އޭނާގެ ނަން ކިޔަންވެސް އަހަރެން ލަދުގަނޭ،" ބޯސްލޭ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެއެވެ.
އަދި އެމީހުންގެ ކައިވެންޏާ ގުޅުވައިގެން، އޭނާގެ ފިރިމީހާގެ މައްޗަށް ދޮގު ތުހުމަތުތައް ނުކުރުމަށް މަރުކަޒީ ސަރުކާރަށާއި އުއްތަރު ޕްރަދޭޝް ސަރުކާރަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބޯސްލޭ އިތުރަށް ބުނީ، މި ހާދިސާ ހިނގިއިރު އޭނާއަކީ ކުޑަކުއްޖެއް ކަމަށެވެ. އެ ދުވަސްވަރު އާއިލާއަށް އެކަން އެންގި ނަމަވެސް، އެއީ އޭނާގެ ފުރަތަމަ ފިލްމަށް ވާތީ އާއިލާއިން އެކަމަށް މާބޮޑު ސަމާލުކަމެއް އޭރު ނުދިން ކަމަށް މޮނާލިސާ ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅުވައިގެން މޮނާލިސާ ވަނީ ޑައިރެކްޓަރު ސަނޯޖް މިޝްރާއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅަން ނިންމާފައެވެ. މި ތުހުމަތުތައް ފެންމަތިވެފައި ވަނީ، އޭނާގެ އާއިލާއިން މަޖުބޫރުން އެހެން މީހަކާ ކައިވެނި ކުރުވަން އުޅޭ ކަމަށް ބުނެ، މާޗް 11 ވަނަ ދުވަހު ތިރުވަނަންތަޕޫރަމްގެ ތަމްޕަނޫރު ޕޮލިސް ސްޓޭޝަނަށް މައްސަލައެއް ހުށަހެޅިތާ ދެ ހަފުތާ ފަހުންނެވެ.
ޚަބަރުތައް ބުނާގޮތުން، އޭނާގެ ބައްޕަ ވިޖޭ ސިންގް ބޯސްލޭއާއެކު އެއާޕޯޓަށް ދިއުމަށް އޭނާ އިންކާރުކުރުމުން، ފުލުހުން ވަނީ އޭނާއަކީ 18 އަހަރު ފުރިފައިވާ މީހެއް ކަމަށާއި، ބޭނުން ބައިވެރިއަކު އިޚްތިޔާރު ކުރުމުގެ ގާނޫނީ ހައްގު އޭނާއަށް އޮތް ކަމަށް ބައްޕައަށް އަންގާފައެވެ. އޭގެ ފަހުން އެ ދުވަހުގެ ވަގުތެއްގައި ބޯސްލޭ ވަނީ ކެރެލާގެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ މީހަކާ ކައިވެނިކޮށްފައެވެ.