ޞާލިހު ސަރުކާރުގައި 200 މިލިއަންގެ ޚިޔާނާތްވިކަމަށް ބުނެ އެޗްޑީސީން މައްސަލަ ހުށަހަޅައިފި

ކުރީގެ ރައީސް ޞާލިހާއި އެޗްޑީސީގެ ކުރީގެ އެމްޑީ އާތިފް: 200 މިލިއަނެއްހާ ރުފިޔާއަށް ކުރީ ސަރުކާރުގައި ޚިޔާނާތްވެފައިވާ ކަމަށް ބުނެ، އެޗްޑީސީން ވަނީ މައްސަލަ ހުށަހަޅާފައި --- ފޮޓޯ: އެޗްޑީސީ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން 200 މިލިއަނެއްހާ ރުފިޔާގެ ޚިޔާނާތް ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ، ތަހްގީގެއް ހިންގަން ކަމާބެހޭ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ހުށަހަޅައިފިއެވެ.

މިރޭ ނެރުނު ބަޔާނެއްގައި އެޗްޑީސީން ބުނީ، 2019ވަނަ އަހަރާއި 2023ވަނަ އަހަރާ ދެމެދު އެ ކޯޕަރޭޝަންގެ މިލްކިއްޔާތުގައިވާ މުދަލާއި ބިމާއި ޚިދުމަތުން 200 މިލިއަނެއްހާ ރުފިޔާގެ ޚިޔާނާތް ބައެއް ފަރާތްތަކުން ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ކަންކަމުގެ ތަހްގީގެއް ހިންގަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ފަށާފައިވާ ކަމަށެވެ.

މި ޚިޔާނާތުގެ ތެރޭގައި އެ ކޯޕަރޭޝަންގެ މުދަލުން ވައްކަންކުރުމާއި، ކޯޕަރޭޝަންގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ބިންތައް ކުއްޔަށް ދިނުން ފަދަ މުއާމަލާތްތައް ހިމެނޭ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އަދި އެޗްޑީސީން ކަނޑައަޅާފައިވާ އިޖުރާތުތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކާފައި ހުރި ކަން ވެސް އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުންޏެވެ.

މި ކަންކަމުގައި ކަމާބެހޭ އިދާރާތަކުން ކުރާ ތަހްގީގުތަކަށް އެއްބާރުލުންދޭނެ ކަމަށްވެސް އެ ބަޔާނުގައި އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ މި ބަޔާނާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން، މިދިޔަ ދައުރުގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ އޭނާގެ ދަށުން އެޗްޑީސީ ހިންގެވިއިރު އެފަދަ އެއްވެސް ޚިޔާނާތެއް ހިނގާފައި ނޯންނާނެ ކަމަށެވެ. އޭގެ ފަހުން އެ ދައުރުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަހްމަދު އާތިފް ވިދާޅުވީ، އެފަދަ އެއްވެސް ޚިޔާނާތެއް ހިނގިކަން އެނގިފައިނުވާ ކަމަށެވެ.

އެޗްޑީސީން ޚިޔާނާތުގެ މައްސަލަތަކެއް ތަހްގީގުކުރަން ހުށަހަޅާފައިވަނީ، ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވާ ކަމަށް ހުކުމްކުރުމާ ގުޅިގެން އެ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ހަތަރު އަހަރަށް ޖަލަށް ލާފައިވާ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް