މާހައުލުން ކުރާ އަސަރެއްގައި ނުޖެހި، ގާނޫނީ ދާއިރާއިން ގާނޫނީ ވިސްނުން އިސްކުރަންޖެހޭ: އުއްތަމަ ފަނޑިޔާރު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލީގަލް ކްލިނިކް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ އިސްލާމީ ޔުނިވަރސިޓީ

ގާނޫނީ ދާއިރާގެ މީހުން، އެ މީހަކު ދިރިއުޅެމުންދާ މާހައުލުން ނޭނގި ނަމަވެސް ކޮށްފައިވާ އަސަރުގައި ނުޖެހި، ގާނޫނީ ވިސްނުމަކުން ވިސްނަން ދަސްކުރުމަކީ މުހިންމު ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވީ، އިސްލާމީ ޔުނިވާސިޓީގެ ލީގަލް ކްލިނިކް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިރިއުޅެމުންދާ މާހައުލުން ނޭނގި ނަމަވެސް ތިމާއަށް ކޮށްފައިވާ އަސަރުގައި ނުޖެހި، ވިސްނުން ސީދާކުރުމަކީ ވަރަށް މުހިންމު ފަންނެއް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ގާނޫނީ މައްސަލެއް ދިމާވުމުން ގާނޫނީ ވިސްނުމަކުން ވިސްނުމުގެ ބަދަލުގައި، އެ މީހަކު ބޮޑުވި މާހައުލުން ލިބިފައިވާ ނުވަތަ ކޮށްފައިވާ އަސަރުގެ ސަބަބުން، ވިސްނުމުގެ މަގު ކައްސާލާ ފަހަރުތައް ވަރަށް ގިނަ ކަމަށެވެ. އެ ހިސާބުން ގާނޫނީ ވިސްނުމުގެ ބަދަލުގައި ދެން ވިސްނެން ފަށާނީ، މުޖުތަމަޢުގެ ފަރާތުން އޭނާއަށް ކޮށްފައިވާ އަސަރެއްގެ ސަބަބުން ވިސްނިފައިވާ ވިސްނުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"ގާނޫނީ ގާޢިދާއެއް، ނުވަތަ ޑޮކްޓަރިންނެއްގައި ވަކި ގޮތަކަށް ކަމެއް ބަޔާންކޮށްފައި އޮންނައިރު، އަދި އޭގެ މައްޗަށް ގާނޫނީ ފުންނާބު އުސް ޢިލްމުވެރިންނާއި، ގާނޫނީ މޮޅެތި ވަކީލުންނާއި މަތީ މަރުހަލާތަކުގެ ކޯޓުތަކުގެ ފަނޑިޔާރުން ބަޙުސްކޮށް ވަކިގޮތަކަށް ކަންކަން ކަނޑައަޅާފައިވާއިރު ވެސް، މި ދަންނަވާ ވިސްނުމާ ދުރުވިސްނުން ގެންގުޅުއްވާ ބޭފުޅުން ވިދާޅުވާނީ، "އަޅުގަނޑަށް ވިސްނޭ ގޮތުގައި'' ނުވަތަ ''އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި''، ''މިވެނިގޮތަކަށް އެވެނިކަމެއް ވެދާނެ'' މިފަދަ ކޮންމެސް ޢިބާރާތެއް." އެ މަނިކުފާނު ވިދާޅުވިއެވެ.

"އަދި އެއީ އެ ވިސްނޭގޮތަށް ނުވަތަ ގަބޫލުކުރެވޭ ގޮތުގެ މައްޗަށް ރަނގަޅު ބިނާކުރަނިވި ހަރުދަނާ އަސާސެއް ނެތި. އެހެންކަމުން މިފަދަ ބުނުންތައް ވެގެންދާނީ، ހަމަ ހުސް ބުނުންތަކަކަށް."

އިސްލާމިކް ޔުނިވަސިޓީގެ ލީގަލް ކްލިނިކަކީ ރާއްޖޭގެ ޔުނިވާސިޓީއަކުން ގާއިމްކުރި މި ފަދަ ފުރަތަމަ ކްލިނިކެވެ.

ލީގަލް ކްލިނިކްގެ ޚިދުމަތް ވާނީ، ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯގެ ދަރިވަރުން ތިޔަރީ ބައިތައް އުނގެނެމުން ދާއިރު، އޭގެ ޢަމަލީ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ފުރިހަމަ ކުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

comment ކޮމެންޓް