ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ނިންމާފައިވާ ނިންމުން ހުއްޓުވަން މިދިޔަ މަހު 28ގައި ހުށަހެޅި ނިންމުން ބަލައިނުގަތުމަށް ނިންމީ، ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވުމުން ކަމަށް އެ މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.
އީގަލް ހިލްސް މަޝްރޫއު ގާނޫނާ ޚިލާފުކަމަށް ބުނެ، އަލީ ހުށަހެޅުއްވި މައްސަލަ ބަލައިނުގުތަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ، މިއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ވިދާޅުވެއެވެ.
މި ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އަލީ ވިދާޅުވީ، ރަޖިސްޓްރާގެ އެ ނިންމެވުން ގޯސް ކަމަށާއި އެ މައްސަލައިގައި ގޮތެއް ނިންމަން ޖެހޭނީ އެ ކޯޓުގެ ބެންޗުން ކަމަށެވެ.
އެ ފަދަ މައްސަލަތަކުގައި ރަޖިސްޓްރާ ގޮތް ނިންމެވުމަކީ، ގާތްގަނޑަކަށް ހުކުމް ކުރުން ކަމަށާއި އާންމު މަސްލަހަތު އޮވެގެން ނަމަ، ކޯޓަށް ބެލޭނެ މައްސަލައެއް ނެތް ކަމަށް ވަކީލު ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ"އެހެންވީމަ ސަރުކާރުގެ ނުފޫޒު ސުޕްރީމް ކޯޓަށް ވަދެފައި އޮތް މިންވަރު މީގެން މި ދޭހަވަނީ" އަލީ ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، އެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވި ނިންމެވުން މުރާޖާކޮށްދިނުމަށް އެދި 14 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު އަލީ ހުސައިން ނެރުއްވި ބަޔާނުގައި ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، ކުއްޔަކާ ނުލައި ބިން ދިނުމާއި ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ޚިލާފުވުން ތިންވަނަ ފަރާތްތަކަށް ހައްގުތައް ދިނުން ހިމެނެއެވެ.
ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހިސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސްއާ ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ މަހެވެ. ވިހި ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓުގެ ދަށުން ހޮޓާތަކާއި، މަރީނާއެއްގެ އިތުރުން ވިޔަފާރިކުރާނެ ތަންތަން ހިމެނޭނެއެވެ.
ނަމަވެސް، މި މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ވަނީ ފާޅުކޮށްފައެވެ.
ދިވެހި ސަރުކާރާއި އީގަލް ހިލްސްއިން ވެސް ވަނީ އެފަދަ ނުރައްކަލެއް މި އެގްރިމެންޓްގެ ސަބަބުން ނޯންނާނެ ކަމަށް ބުނެފައެވެ.