ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރާ ސުމޫދު ފްލޮޓިލާ އުޅަނދުތައް އިސްރާއީލުން ހުއްޓުވައި، އެއަށް އަރައިގެންފިއެވެ.
ފްލޮޓިލާގައި ތިބި އެކްޓިވިސްޓުން މައުލޫމާތު ދޭ ގޮތުގައި، އެ ފްލޮޓީލާގައި ހިމެނޭ "އަލްމާ"އާއި "ސިރިއަސް" މިހާރު ވަނީ ހުއްޓުވާފައެވެ.
އިސްރާއީލު ސިފައިން މިހާރު ވަނީ އުޅަނދުތަކަށް އަރައިގެންފައެވެ. އެކަމަކު، އެއީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެވެ.
ފްލޮޓިލާ އުޅަނދުތަކުގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ އުޅަނދުތަކަށް ޔަހޫދީ ސިފައިން އަރާފައިވާ ކަމަށް ބުނެފައެވެ. އަދި، ދަތުރުގެ އެންމެހައި ބައިވެރިންގެ ރައްކާތެރިކަމާއި ހާލަތު ދެނެގަތުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އިސްރާއީލުން ބުނީ ފްލޮޓިލާ ދަތުރުކުރަމުން އަންނަ މިސްރާބު ބަދަލުކުރަން އިންޒާރު ދީފައިވާ ކަމަށެވެ. އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނާ ގޮތުގައި ސުމޫދު ފްލޮޓިލާއަކީ އިންސާނީ އެހީތެރިކަމުގެ މިޝަނަކަށްވުރެ ބަޔަކު ރުޅިއެރުވުމުގެ ބޭނުމުގައި ހިންގާ އަމަލެކެވެ.
"ހަމާސް-ސުމުދު ފްލޮޓިލާގެ ހަމައެކަނި މަގުސަދަކީ ރުޅިވެރިކަން އުފެއްދުން،" އިސްރާއީލުގެ ބަޔާނެއްގައިވެއެވެ.
އިސްރާއީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލާއި އިޓަލީއާއި ގްރީސް ހިމެނޭ ގޮތަށް އެހެން ގައުމުތަކުން ވެސް ޣައްޒާއަށް ދޭ އެހީ ސުލްހަވެރިކަމާއެކު ފޯރުކޮށްދޭނެ ގޮތްތައް ހުށަހަޅާފައިވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިސްރާއީލުގެ ކަނޑުގެ ސިފައިން ފްލޮޓިލާއާގައި އިސްކޮށް ތިބި ފަރާތްތަކާ ވާހަކަދައްކައި މިސްރާބު ބަދަލުކުރަން އިލްތިމާސްކޮށްފައިވާ ކަމަށެވެ. އަދި، އެއީ ހަނގުރާމަމަތީ ސަރަހައްދަކާ ކައިރިވުން ކަމަށާއި ގާނޫނީ އިމުގެ ތެރެއިން ބަންދުކޮށްފައިވާ ކަނޑުގެ ސަރަހައްދަކަށް ގާނޫނާ ޚިލާފަށް ވަނުން ކަމަށް އިންޒާރު ދީފައިވާ ކަމަށެވެ.
އިޓަލީގެ ފޮރިން މިނިސްޓްރީން ވަނީ އިސްރާއީލު ސިފައިން އުޅަނދުތަކުގައި ތިބި މީހުންނާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ބުނެފައެވެ.
ގްލޯބަލް ސުމުދު ފްލޮޓިލާ އަކީ އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް މުގުރާލުމަށް ކުރާ އެންމެ ބޮޑު މަދަނީ މަސައްކަތެވެ. އެގޮތުން، 50 އަށް ވުރެ ގިނަ ބޯޓުގައި 44 ގައުމަކުން 1000 އަށް ވުރެ ގިނަ އެކްޓިވިސްޓުން މި ދަތުރުގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނެއެވެ. އެއީ، އިބްރާހިމް ޝާޒް (ބޮޑޭ)އެވެ.