ސޯނަމް އިނީ ދެވަނަ ދަރިފުޅަށް ބަލިވެ ކަމަށް ރިޕޯޓުތައް ބުނެފި

ސޯނަމް ކަޕޫރު ފިރިމީހާ އާނަންދު އަހޫޖާއާ އެކު--ފޮޓޯ/ފިލްމުފެއަ

ދާދިފަހުން ފިލްމީ މަސައްކަތްތަކަށް އެނބުރި އަންނަން ތައްޔާރަށް ހުރި ކަމަށް ބުނި ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު ދެވަނަ ދަރިފުޅަށް ބަލިވެއިން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން ސޯނަމް ބަލިވެއިންކަން ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް ދެ ފަރާތުގެ އާއިލާއަށް ވެސް އެ ޚަބަރާ އެކު ވަރަށް ބޮޑު އުފާވެރިކަމެއް ލިބިފައިވާ ކަމަށެވެ.

އަދި ވަރަށް އަވަހަށް އެ ޚަބަރު ރަސްމީކޮށް އިއުލާނުކުރަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ސޯނަމް ދެވަނަ ދަރިފުޅަށް ބަލިވެއިން ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ބަތަލާގެ އަލަތު ދަރިފުޅަށް ތިން އަހަރު ފުރުނީ މި އަހަރުގެ އޮގަސްޓް މަހުތެރޭއެވެ.

ދާދިފަހުން ސޯނަމް ވަނީ ކައިވެންޏަށް ފަހު ފިލްމީ މަސައްކަތްތަކާ ދުރުގައި އުޅުމަށްފަހު އެނބުރި ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރަށްހުރި ކަމަށް ވެސް ބުނެފައެވެ.

ބަތަލާ ސޯނަމް ކަޕޫރު ފިރިމީހާ އާނަންދުއާ އެކު ރާއްޖޭގެ ރިސޯޓެއްގައި--ފޮޓޯ/ފިލްމުފެއަ

އަލަތު ދަރިފުޅު ލިބުމާ ގުޅިގެން ސޯނަމް ފިލްމީ މަސައްކަތްތަކާއި ދުރަށްޖެހިލިއިރު ކައިވެންޏަށް ފަހު ވެސް ބަތަލާ ފިލްމުތަކުން ފެންނަ މިންވަރު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ.

ސޯނަމްއަށް ފިލްމީ މަސައްކަތްތަކަށް ވަގުތު ނުދެވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކައިވެންޏަށްފަހު ދިރިއުޅުން އިނގިރޭސިވިލާތަށް ބަދަލުކުރި ހިސާބުންނެވެ. ސޯނަމްގެ ފިރިމީހާ އާނަންދު އަހޫޖާގެ ވިޔަފާރިއާ ގުޅުންހުރި ގިނަ މަސައްކަތްތައް އިނގިރޭސިވިލާތުގައި ކުރިއަށްދާތީ ބަތަލާ ވަނީ ވިހެއުމަށްފަހު ވެސް ބަތަލާ ދިރިއުޅެމުން ދިޔައީ ލަންޑަންގައެވެ.

ސޯނަމް އާއި އާނަންދުގެ އަމިއްލަ ގެ ނިއު ދިއްލީ އާއި މުމްބާއީގައި ވެސް ހުރިއިރު މުސްތަގްބަލްގައި ބަތަލާގެ އާއިލާ ލަންޑަންއަށް ދިރިއުޅުން އެއްކޮށް ބަދަލުކުރާނެ ކަމުގެ އިޝާރާތެއް ވެސް ވަނީ ދީފައެވެ.

comment ކޮމެންޓް