ދައުލަތުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރަ ވެސް އަވަސް މުސްތަގުބަލެއްގައި ބޮޑުކުރާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް އެހެން ވިދާޅުވީ ސްޓޭޓް އިންޓާނަލް އޮޑިޓް ކޮންފަރެންސް 2025، ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި އިންޓާނަލް އޮޑިޓަރުންގެ މަސައްކަތް ކުރުމުގައި ތަފާތު ގޮންޖެހުންތައް ހުރިކަން މި ސަރުކާރުން ގަބޫލުކުރާ ކަމަށާއި އެ ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، އިންޓާނަލް އޮޑިޓަރުންގެ އޮނިގަނޑު އެކުލަވާލެވިފައިވާ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް: އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ ދައުލަތުގެ އޮޑިޓް ނިޒާމުގެ ހިންގުން ހަރުދަނާކޮށް، އޮޑިޓަރުން ދޭ އިރުޝާދުތަކާއި ލަފާތައް ތަންފީޒުކުރުމުގެ ނަތީޖާއަކަށްވާނީ، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަރަނިވެރި، ކޮރަޕްޝަނާ ދެކޮޅު، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަންތަނަށް ވުން ކަމަށެވެ.
އިދާރާތަކުގައި އިންޓާނަލް ކޮންޓްރޯލްތައް ވަރުގަދަ ކުރެވިއްޖެނަމަ، ދައުލަތުން ހޭދަކުރާ ކޮންމެ ފައިސާ ފޮއްޗަކީވެސް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ މަންފާ ލިބޭނެ އެއްޗަކަށް ވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވިއިރު، މިދިޔަ އާދިއްތަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިހާތަނަށް ބޮޑުކޮށްފައިނުވާ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުން ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރަތައް އެއްހަމަ ކުރުމަށް މި އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ހިމަނައިފައިވެއެވެ.