ޗައިނާއިން އީރާނަށް ދަތުރުކުރި މުދާ އުފުލާ ބޯޓެއް އެމެރިކާ ސިފައިން ރެއިޑްކުރި: ރިޕޯޓް

ޗައިނާގެ ޝެންޒެންގައި ބަނދަރުކޮށްފައިވާ ކޮންޓެއިނަރު ބޯޓުތަކުގެ ކައިރިން ކުޑަ ސްޕީޑް ބޯޓެއް ހުރަސް ކުރަނީ -- ފޮޓޯ/ ގެޓީ

މިދިޔަ މަހު ޗައިނާއިން އީރާނަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް އެމެރިކާ ސިފައިން ރެއިޑްކުރި ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފިއެވެ.

މިއީ ޓްރަމްޕްގެ ވެރިކަމުގައި ކަނޑުގެ ސަރަހައްދުގައި ދޭ ހަމަލާތައް އިތުރުވަމުން އަންނައިރު، އެކަން ދޭހަވާ އެންމެ ފަހުގެ ހާދިސާއެވެ.

އިއްޔެ އެ ނޫހުން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނީ، އެމެރިކާ އަސްކަރިއްޔާއިން އެ ބޯޓަށް އެރީ ސްރީ ލަންކާއާ އެތައް ސަތޭކަ މޭލެއް ދުރުން ކަމަށް ނަން ހާމަނުކުރުމަށް ޝަރުތުކޮށް، އޮފިޝަލުންތަކެއް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެއީ ޗައިނާއިން އީރާނަށް ދަތުރު ކުރި ބޯޓެއް އެމެރިކާ ސިފައިން ހިފެހެއްޓި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ނޫހުން ބުނެއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ. އޭގެ ދުވަސްކޮޅެއް ކުރިން ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވުމުން ކަމަށް ބުނެ، ވެނެޒުއެލާގެ އައްސޭރިފަށުން ތެޔޮ ޓޭންކަރެއްވެސް އެމެރިކާ ސިފައިން ވަނީ އަތުލައިގެންފައެވެ.

ބޯޓު އަތުލައިގަތްކަން އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެ ނޫހަށް މައުލޫމާތު ދެމުން އޮފިޝަލް ވިދާޅުވީ އެމީހުން އަތުލައިގަތީ އީރާނުގެ އާންމު ހަތިޔާރުތަކަށް ބޭނުންތެރި ވެދާނެ ތަކެތި ކަމަށެވެ. ނަމަވެސް އަތުލައިގަތް ތަކެއްޗަކީ އަސްކަރީ އަދި މަދަނީ ބޭނުންތަކަށް ވެސް ބޭނުންކުރެވިދާނެ އެއްޗެހި ކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ.

އީރާނަކީ އެމެރިކާއިން ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ގައުމެކެވެ. އެ ފިޔަވަޅުތަކަކީ ގާނޫނާ ޚިލާފު ފިޔަވަޅުތަކެއް ކަމަށް އީރާނުގެ ވިޔަފާރީގެ މުހިއްމު ބައިވެރިއެއް ކަމަށްވާ ޗައިނާއިން ބުނެއެވެ. ނަމަވެސް ޗައިނާ އަދި އީރާނުން ވެސް އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ވެނެޒުއޭލާގެ ތެޔޮ ޓޭންކަރު އަތުލައިގަތް މައްސަލަ ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ގުއޯ ޖިއާކުން ވަނީ ކުށްވެރިކުރައްވާފައެވެ.

މަސްތުވާތަކެތި ހިފައިގެން ވެނެޒުއޭލާއިން އެމެރިކާއަށް ދަތުރުކުރި ސްޕީޑް ބޯޓަކަށް ވައިގެ މަގުން ހަމަލާދީ ފައްތާލައި އޭގައި ތިބި 11 "ނާކޯޓެރަރިސްޓުން" މަރާލާފައިވާ ކަމަށްވެސް ޓްރަމްޕް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް