ފިލްމު ކުޅެން އަކްޝޭގެ ދަރިފުޅުގެ ޝައުގެއް ނެތް

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު ދަރިފުޅު އާރަވްއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޮލީވުޑްގެ ފިލްމީތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ޓުވިންކަލް ކަންނާގެ ދޮށީ ދަރިފުޅު އާރަވް ބާޓިއާ އެކްޓިން ދާއިރާއަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް އަކްޝޭ ބުނެފިއެވެ.

ދަރިފުޅުގެ ކުރިމަގާ ގުޅޭގޮތުން އޭބީޕީ ނިއުސްއަށް ދިން އިންޓަވިއުގައި އަކްޝޭ ބުނީ، އުމުރުން 23 އަހަރުގެ އާރަވް މުސްތަގްބަލުގައި ބޭނުންވަނީ ފެޝަން ޑިޒައިނަރަކަށްވުމަށް ކަމަށެވެ. އަކްޝޭ ކިޔައިދިން ގޮތުގައި ދަރިފުޅު އާރަވް ފިލްމީ ދާއިރާގައި މަސައްކަތްކޮށް އަކްޝޭގެ އަމިއްލަ ފިލްމު ކުންފުނީގެ މަސައްކަތް ކުރުމަކީ ބައްޕައެއްގެ ހައިސިއްޔަތުން އޭނާގެ އުންމީދެކެވެ.

ނަމަވެސް، އާރަވް ވަނީ ވަރަށް ސާފުކޮށް އެ ދާއިރާގައި އުޅެން ބޭނުންނުވާ ކަމަށް ނިންމާފައި ކަމަށާއި ދަރިފުޅުގެ އެ ނިންމުމަށް އިހުތިރާމުކުރާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އަކްޝޭގެ ދެމަފިރިން ދެ ކުދިން އާރަވް އަދި ނިތާރާއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އާރަވް ފިލްމީ ދާއިރާގައި މަސައްކަތްކުރުމަށް އެއްވެސް އިރަކު މަޖުބޫރު ނުކުރާ ކަމަށާއި އާރަވް ކުރިއަށްދާން ބޭނުންވާ ފެޝަން ޑިޒައިންނިން ދާއިރާއިން ކުރިއަށް ދިއުމުގެ ފުރިހަމަ މިނިވަންކަން ދަރިފުޅަށް އޮންނާނެ ކަމަށް ވެސް އަކްޝޭ ވަނީ ބުނެފައެވެ.

އާރަވްއަކީ އަބަދު ވެސް ކިޔެވުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމަށާއި އެ އުމުރުގެ އެހެން ޒުވާނުންނާ ޚިލާފަށް ވަގުތުތައް މަޖަލުގައި ހޭދަކުރުމުގެ ވިސްނުމެއް އާރަވްގެ ނެތް ކަމަށް އަކްޝޭ ވަނީ ބުނެފައެވެ. އަކްޝޭގެ އަނބިމީހާ އަދި ކުރީގެ ބަތަލާ ޓުވިންކަލްއަކީ ވެސް ކިޔެވުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ މީހެއް ކަމަށާއި އާރަވް ވެސް ކިޔެވުމަށް ލޯބި ޖެހުމުގެ ސަބަބަކީ ޓުވިންކަލް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އަކްޝޭގެ ދަރިފުޅު ދަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ފެޝަން ޑިޒައިންކުރުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުންނެވެ. އަކްޝޭއާއި ޓުވިންކަލްގެ ކައިވެންޏަށް 24 އަހަރުވެފައިވާއިރު އެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ.

އެއީ އާރަވްއާއި މިހާރު އުމުރުން 13 އަހަރުގެ ނިތާރާއެވެ. ކުދިން ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މީހަކީ އަނބިމީހާ ޓުވިންކަލް ކަމަށާއި ދެ ކުދިން ވެސް ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ބޮޑު ކުރުމުގައި ޓުވިންކަލްގެ ދައުރު ވަރަށް ބޮޑު ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

އަކްޝޭއާއި ކައިވެނިކުރުމަށް ފަހު ފިލްމު ކުޅުން ހުއްޓާލި ޓުވިންކަލް ވަނީ ދާދިފަހުން އިނގިރޭސިވިލާތުގެ ޔުނިވަސިޓީއަކުން މާސްޓަ އޮފް އާޓްސް ހާސިލުކޮށްފައެވެ.

ފިލްމީ ދާއިރާއާ ދުރުވުމަށް ފަހު ޓުވިންކަލް ފެނުނީ ވަރަށް މޮޅު ލިޔުންތެރިއެއްގެ ގޮތުގައެވެ. ކުރީގެ މަޝްހޫރު ފިލްމީތަރިން ކަމަށްވާ ޑިމްޕަލް ކަޕާޑިއާއާއި ރާޖޭޝް ކަންނާގެ ދޮށީ ދަރިފުޅު ވަނީ މިހާތަނަށް ހަތަރު ފޮތެއް ލިޔެ ބާޒާރަށް ނެރެފައެވެ.

comment ކޮމެންޓް