އިންޑިއާއަށް ދާއިރު އޮންލައިންކޮށް އެރައިވަލް ފޯމު ފުރޭ ގޮތް ހަދައިފި

ވެލާނާ އިންޓަނޭޝަނަލްގެ ޓާމިނަލްގައި ބަޔަކު މަޑުކޮށްލައިގެން: އިންޑިއާއަށްދާއިރު އޮންލައިންކޮށް އެރައިވަލް ފޯމް ފުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި -- ފޮޓޯ/ އެމްއޭސީއެލް

އިންޑިއާގެ ވައިގެ މަގުން ދަތުރުކުރާއިރު، އެރައިވަލް ފޯމު އޮންލައިންކޮށް ފުރޭނެ ގޮތް ހަމަޖައްސައިފިއެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައިވާ ގޮތުން، މިހާރު އެއާޕޯޓަށް ގޮސް، އެރައިވަލް ފޯމެއް އަތުން ފުރަން ޖެހުމުން ކިޔޫތައް ދިގުވެ، ލަސްތައް ދިމާވެއެވެ.

އެ މައްސަލަ ހައްލުކުރުމަށް ޓަކައި، އޮންލައިންކޮށް އެރައިވަލް ކާޑެެއް ހޯދޭނެ ގޮތް ހަދައިފައިވާ ކަމަށް އެ ނޫސްތަކުގައިވެއެވެ. އެ އީ-އެރައިވަލް ކާޑުގައި ހިމެނޭނީ ޕާސްޕޯޓް ނަންބަރާއި ގައުމާއި ޒިޔާރަތް ކުރާ ސަބަބާއި އަމިއްލަ އެޑްރެހާއި ފޯނު ނަންބަރު ފަދަ މައުލޫމާތެވެ.

ދަތުރަށް ފެށުމުގެ ތިން ދުވަސް ކުރިން އެ ކާޑަށް އެދެވޭނެ ކަމަށް އިންޑިއާގެ އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ.

އެ ބަދަލުތައް ގެނައުމަކީ އެއާޕޯޓުގައި ގިނަ ވަގުތުވާ ކަންތައްތައް މަދުކުރުމާއި، ކަރުދާސް ބޭނުން ކުރުން މަދުކުރުން ކަމަށް އެ ގައުމުގެ ނޫސްތަކުގައިވެއެވެ.

އިންޑިއާއަކީ ދިވެހީން އެންމެ ގިނައިން ގޮސް އުޅޭ އެއް ގައުމު ކަމަށްވާއިރު އެ ގައުމަށް ގިނަ ބަޔަކު ދިރިއުޅުން ބަދަލުކޮށްފައި ވެސްވެއެވެ. އެގޮތުން ތައުލީމު ހާސިލުކުރުމަށާއި ދިގު މުއްދަތަށް ބޭސް ފަރުވާ ކުރުން ފަދަ ސަބަބުތަކަށް އިންޑިއާއަށް ގިނަ ދިވެހީންތަކެއް ދިރިއުޅުން ބަދަލުކޮށްފައިވެއެވެ.

comment ކޮމެންޓް