ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް އަނެއްކާވެސް ޓްރަމްޕް އިއުލާން ކުރައްވައިފި

ވޮޝިންޓަން (22 އޮގަސްޓް 2026): ގަލްފުގެ ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް އިއުލާން ކުރައްވައިފިއެވެ.

ދެކުނު ކެރޮލައިނާގައި ބޭއްވި އެއްވުމެއްގައި ވަހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނަކީ އެގައުމާއެކު އެއްބަސްވުމަކަށް އައުމަށް ވަރަށް ދަތި ގައުމެއްކަމަށާއި އެމެރިކާއާއެކު އެއްބަސްވުމަކަށް އަންނަން އީރާން ބޭނުންނުވާ ކަމުގައެވެ.

ކަން މިހެން އޮތްއިރު އެމެރިކާއަށް ހަނގުރާމަ ކާމިޔާބުވިކަން އަދިވެސް ނޭންގޭކަމަށް ޓްރަމްޕް އެއްބަސްވެ ވަޑައިގެންނެވިއެވެ. ނަމަވެސް އޭނާގެ ނަޒަރުގައި ހުރުމުޒު ކަނޑުއޮޅިއަކީ މިހާރު އެމެރިކާގެ ސަރަހައްދެއްކަމަށް ޓްރަމްޕް އިއުލާން ކުރެއްވިއެވެ.

"އަހަރެން ދެކޭގޮތުގައި ހުރުމުޒު ކަނޑުއޮޅިއަކީ މިހާރު އެމެރިކާގެ ސަރަހައްދެއް" ޓްރަމްޕް ވިދާޅުވިއެވެ.

ކުރިން ވެސް ޓްރަމްޕް ވަނީ ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއްކަމާ އަދި އެއީ އެމެރިކާގެ މިލްކެއްކަމަށްވެސް އިއުލާން ކުރައްވާފައެވެ. ނަމަވެސް ވައިޓް ހައުސްއިންވަނީ ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާގެ މިލްކެއްކަމަށް އިއުލާން ކުރެއްވީ ސަމާސާ އަކަށް ކަމަށް ބުނެ ޓްރަމްޕް އެފަހަރު ދެއްކެވި ވާހަކަތައް ނަފީކޮށްފައެވެ.

އެއަށްފަހު ވެސް ޓްރަމްޕް ގެންދަވަނީ ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާގެ މިލްކެއްކަމަށް އިއުލާންކުރަން އަދިވެސް ބޭނުންވާކަމަށް ވިދާޅުވެ ތަކުރާރުކޮށް ވާހަކަދައްކަވަމުންނެވެ.

އެންމެފަހުން ދެކުނު ކެރޮލައިނާގައި އިއްޔެ ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވަނީ ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް އަނެއްކާ ވެސް ޓްރަމްޕް މިވަނީ އިއުލާން ކުރައްވާފައެވެ.

މިމައްސަލާގައި އެމެރިކާގެ އެތެރެއިންވެސް ޓްރަމްޕްއަށް ޖޯކު ޖަހަމުން ގެންދާއިރު އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުން އެމެރިކާ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާފައިވާނެކަމަށް ވިދާޅުވެ ޓްރަމްޕް ދައްކާ ވާހަކަތަކަށް ވެސް އެމެރިކާގެ އެތެރެއާއި ބޭރުން ގެންދަނީ ޖޯކުޖަހުންނެވެ.

ސަބަބަކީ ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް ހުރުމުޒު ގައި ހިނގާ ހަރަކާތްތައް ބަލައި މޮނިޓާކުރާ ކުންފުނިތަކުން މިކަން ދޮގުކުރާތީއެވެ. އެ ކުންފުނިތައް ބުނާގޮތުން މިހާރު ވެސް ދުވާލެއްގެ މައްޗަށް ހުރުމުޒު ހުރަސްކުރަނީ އެންމެ ހައެއްކަ އުޅަނދެވެ.

މީގެއިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަދިވެސް ތިރިއެއް ނުވެއެވެ. ޓްރަމްޕް ވަނީ އެމެރިކާގެ މަނަވަރުތަކާއި ފައިޓާ ޖެޓްތައް މެދުވެރިވެގެން އީރާނަށް ވަގަށް ހުރުމުޒު ހުރަސްކޮށް އެތަށް މިލިޔަން ފީފާއެއްގެ ތެޔޮ ވެސް ކޮންމެ ދުވަހަކު ބޭރުކުރާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މިގޮތަށް ތެޔޮ ބޭރުކުރެވޭނަމަ ތެލުގެ އަގުމައްޗަށްދާންޖެހޭ ސަބަބެއް ނެތެވެ.

އީރާންވަނީ ޓްރަމްޕް ހަދަނީ މުޅިން ވެސް ދޮގުކަމާއި އެއީ ގޮތް ހުސްވެގެން އޭނާ ދަމާ ހާސަރުތަކެއްކަމަށް ސިފަކޮށްފައެވެ.

އީރާން ބުނާގޮތުން ހުރުމުޒު ކަނޑުއޮޅި ހުސްކުރުމަށް އެތަށް ގައުމަކުން ގެންދަނީ އީރާންއާއެކު ކޯޑިނޭޓް ކުރަމުންނެވެ. މިގޮތަށް ކޯޑިނޭޓްކުރާ ގައުމުތަކުގެ އުޅަނދުތަކަށް އެތަން ހުރަސްކުރުމުގެ ހުއްދަދޭކަމަށް ވެސް އީރާން ބުނެއެވެ.

ޓްރަމްޕްވަނީ އީރާނުގެ ބަނދަރުތަކަށް ކައިރިކުރަން ބޭނުންވާ އެތަށް އުޅަނދެއް ފާއިތުވި ދުވަސްތަކުގައި އެ ސަރަހައްދުން ފޮނުވާލާފައިވާކަމަށް ވެސް ވިދާޅުވެފައެވެ. ޓްރަމްޕްވަނީ އީރާނުގެ ބަނދަރުތަކާ ދެކޮޅަށް ހިސާރުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު