ރާއްޖެއަށް އާއިލާއާބެހޭ އާ ގާނޫނެއް ބޭނުންވާ ކަމަށާއި އެ ގާނޫނުގެ ދަށުން ގަވައިދުތައް ހެދުމުގެ މަސައްކަތް އާއިލީ މިނިސްޓްރީގެ ބަދަލުގައި ޝަރުއީ ދާއިރާއަށް ވީ އެންމެ އަވަހަކަށް ދޭންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އާއިލީ އިޖުރާއަތުގެ ޓްރެއިނިން ޕްރޮގްރާމް ނިންމުމަށް މާލެ އަތޮޅު ހުރާގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވަނީ، އާއިލީ އަދުލުގެ ނިޒާމުން ހައްލުކުރަން ޖެހޭ ތިން ކަމެއް ފާހަގަކުރައްވައިފައެވެ.
އާއިލީ މައްސަލަތައް ބެލުމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި ފުރަތަމަ ކަމަކީ، މުޖުތަމަޢަށް މިހާރު އައިސްފައިވާ ބަދަލުތަކާ އެކަށޭނެ ޢާއިލީ ޢަދުލުގެ ގާނޫނެއް ނެތުމެވެ.
މިހާރު ޢަމަލުކުރަމުން އަންނަ ޢާއިލީ ގާނޫނަކީ، މީގެ 25 އަހަރު ކުރީގެ ގާނޫނެއްކަން ފާހަގަ ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި މުޖުތަމަޢަށް މިވަނީ، ހީވެސް ނުކުރާފަދަ ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށެވެ.
ދެވަނަ ކަމަކަށް އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވީ، ޢާއިލީ ޢަދުލާ ގުޅޭ އާ ގާނޫނެއް ތަޢާރަފު ކުރެވެންދެން ވެސް، މިހާރު ޢަމަލުކުރަމުން މިގެންދާ ޢާއިލީ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހެދުމުގެ ބެލެނިވެރިކަން ޝަރުޢީ ދާއިރާއަށް ވީ އެންމެ އަވަހަކަށް ދޭން ޖެހޭ ކަމެވެ.
"އަޅުގަނޑުމެންނަށް މިހާރު މިވެފައިވާ ގޮތަކީ، މިހާރު ޢަމަލުކުރަމުންދާ ގާާނޫނުގެ ދަށުން ގައިވަދަށް ބަދަލެއް ގެނެސްގެން، ވަކި ކަމެއް ޙައްލުކުރެވިދާނެކަމަށް ފެނިގެން އެ ގަވައިދު އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ބަލައިލާއިރު، އެއީ އެހެން އިދާރާއެއްގެ ބެލެނިވެރި ގާާނޫނަކަށް މިވަނީ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ފަހު ކަމަކަށް ފާހަގަ ކުރެއްވީ އާއިލީ މައްސަލަތައް ބަލާނެ އެކަށީގެންވާ މާޙައުލެއް ގާއިމްކުރެވޭފަދަ ޖާގައެއްގެ މުހިންމު ކަމެވެ.
ބައެއް ގާނޫނުތަކުގައި ބައެއް ބާވަތުގެ ޢާއިލީ މައްސަލަތަކުގެ އަޑުއެހުންތައް ބާއްވާ ތަންތަނަކީ ވަކި މިންގަނޑެއްގައި ހުންނަންޖެހޭ، ވަކި ސިފަތަކެއް ލިބިގެންވާ ތަންތަންކަމަށް ބަޔާންކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފެމިލީ ކޯޓު މިހާރު ހިންގާ ގޮތަށް އަލިއަޅުއްވައިލެއްވިއެވެ.
"ޢާއިލީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓުތަކުގެ ތެރެއިން ހަމައެކަނި ގްރޭޓާ މާލޭގައި ގާއިމްކުރެވިފައި މިވާ މިހާރުގެ ފެމިލީ ކޯޓަށް ބަލާލަމާ ހިންގަވާ. އެ ކޯޓު ހިނގަމުންދަނީ މާލޭގެ ދެ ސަރަޙައްދެއްގައި. އެ ދެ ޢިމާރާތުގެ އެތެރެއަށްވެސް ވާރެ ވެހޭ. ކޯޓު ތެރޭގައި ޖާގަފުރިގެންގޮސް، ހާސްވެ، ނުތަނަވަސް ވެފައިވާ މާހައުލެއްގައި ފަނޑިޔާރުންނާ މުވައްޒަފުން ރެއާދުވާލު މަސައްކަތްކުރަމުން އެގެންދަނީ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މަސައްކަތްކުރާ ތަނުގެ ޙާލަތު ކޮންމެ ގޮތަކަށް އޮތަސް، ޙާލަތާ ގުޅުވައިގެން މަސައްކަތް ނުކޮށް ތިބެވޭކަށް ނެތް ކަމަށެވެ.
ކޯޓުތަކުގައި މައްސަލަތައް ލަސްވާ ސަބަބުތަކުގެ ތެރޭގައި، ޖާގައިގެ ދަތިކަން ހުރުމަކީ އެންމެ ބޮޑު އެއް މައްސަލައެވެ. އެ މައްސަލަ ހައްލު ކުރުމަށް ޓަކައި ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސްއެއް އެޅުމަށް ވަނީ ނިންމައިފައެވެ.