ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މަޝްހޫރު ގާނޫނީ ވަކީލް އާދަމް ޝަމީމް އައްޔަންކޮށްފިއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ޝަމީމް މި އައްޔަންކުރީ، އެ މަގާމުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވުމުން ދެ ތިން މަސް ދުވަހު އެ މަގާމު ހުސްކޮށް އޮތުމަށް ފަހުއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، ޝަމީމް ހިމެނިވަޑައިގަންނަވާހެން އެ މަގާމަށް ކުރިމަތިލެއްވީ 10 ބޭފުޅެކެވެ.
ލޯޔަރު އާދަމް ޝަމީމަކީ ދިވެހިރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ފާހަގަކޮށްލެވޭ ވަކީލެކެވެ. އޭނާއަކީ "އާދަމް ޝަމީމް ލީގަލް" ގެ ނަމުގައި ހިންގާ ލޯ ފާމްގެ މަސްއޫލުވެރިޔާއެވެ.
އާދަމް ޝަމީމަކީ 2012 ވަނަ އަހަރުން ފެށިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިވަޑައިގެންފައިވާ ވަކީލެކެވެ. ހައިކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިވަޑައިގެންނެވީ 24 ނޮވެމްބަރު 2013 ގައެވެ. އަދި ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިވަޑައިގެންނެވީ 29 ޖެނުއަރީ 2019 ގައެވެ.
ޝަމީމަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްތިއުނާފީ މައްސަލަތަކުގައި އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ވަކީލެކެވެ. އަދި 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުޑަހުވަދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވިއެވެ.
ޝަމީމް ވަނީ މީގެ ކުރިން، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމު ހުސްވުމުން އެ މަގާމަށް ކުރިމަތިލެއްވުމަށް ކްރިމިނަލް ރެކޯޑު ސާފުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ އެންމެ އިސްވެރިޔާގެ ގޮތުގައި، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ އިދާރީ ހިންގުމުގެ އެންމެ މަތީ މަސްއޫލިއްޔަތު އުފުއްލަވާ ބޭފުޅާއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މުހިންމު މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނެނީ:
ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުން:
ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ދަށުގައިވާ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލައި މުރާޖައާކޮށް ހަރުދަނާކުރުން.
އިދާރީ މުވައްޒަފުންގެ ވަޒީފާގެ ކަންކަން ބެލެހެއްޓުން:
އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރު ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފެއްގެ މަޝްވަރާގެ މަތިން، ކޯޓުތަކުގެ އިދާރީ މުވައްޒަފުން ވަޒީފާއަށް ނެގުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، އިސްލާހީ ފިޔަވަޅު އެޅުމާއި ވަކިކުރުމުގެ ކަންކަން ހިންގުމާއި ބެލެހެއްޓުން.
ކޯޓުތަކުގެ ރަޖިސްޓްރާރުން އައްޔަންކުރުން:
ކޯޓުތަކަށް ރަޖިސްޓްރާރުން އައްޔަންކުރުމާއި ވަކިކުރުމުގެ އިދާރީ މަސްއޫލިއްޔަތު އަދާކުރުން.
ތަމްރީނު ޕްރޮގްރާމްތައް ރޭވުން:
ފަނޑިޔާރުންނާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުންނާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތަކާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމުގައި މަޝްވަރާދިނުން:
ޖޭއެސްސީއާއެކު މަޝްވަރާކޮށްގެން ކޯޓުތަކަށް ބޭނުންވާ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމުގެ މަސައްކަތުގައި ބައިވެރިވުން.
މާލީ އަދި ވަސީލަތްތައް ބެލެހެއްޓުން:
ޝަރުއީ ދާއިރާގެ ބަޖެޓާއި، ވަސީލަތްތަކާއި، އިދާރީ އެންމެހައި ކަންކަން ޖޭއެސްސީން ކަނޑައަޅާ ސިޔާސަތުތަކާއި ގަވާއިދުތަކާ އެއްގޮތަށް މެނޭޖްކޮށް ހިންގުން.
ކޯޓުތަކުގެ ޚިދުމަތްތައް އަވަސްކޮށް ހަރުދަނާކުރުން:
ކޯޓުތަކުގައި ދިމާވާ އިދާރީ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އާންމުންނަށް ލިބޭ ޚިދުމަތްތައް އަވަސް އަދި ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުން.
މި މަގާމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަސް އަހަރުގެ މުއްދަތަކަށް އައްޔަންކުރާ މަގާމެކެވެ.