ރާއްޖޭގެ ދައުލަތުގެ ޚަޒާނާއިން ވައްކަންކުރުމާއި ކޮރަޕްޝަންގެ މައްސަލަތަކާ މެދު މަޝްވަރާކޮށް، ހެކި ހޯދަން ކޮންފަރެންސެއް ބޭއްވުމަކީ ރަނގަޅު ކަމެއް ކަމަށާއި، ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ކޮޅެއްގައި ޖައްސަން ޖެހޭ ކަމަށް، ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް އަހްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަނާއި ނަހަމަގޮތުގައި މަގާމުގެ ބޭނުންކުރުމުގެ މައްސަލަތައް ބަލައި ތަހްލީލުކުރުމަށް ކޮންފަރެންސެއް ބާއްވާނެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާނުކުރައްވާފައި ވަނިކޮށެވެ.
"ރަނގަޅު ކަމެއް، އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުގެ ފަހަތުން އަދި އެބަ ދާން ޖެހޭ، އެކަން ހަނދާން ނައްތާލައިގެން ނުވާނެ،" ނަޝީދުގެ ޕޯސްޓް ކޯޓުކުރައްވައި 'އެކްސް'ގައި މުއިއްޒު ލިޔުއްވާފައިވެއެވެ.
ނަޝީދު ވަނީ އެމަނިކުފާނުގެ ނުރަސްމީ އެކައުންޓުން މުއިއްޒުގެ ޕޯސްޓު ރީޕޯސްޓުވެސް ކުރައްވައިފައެވެ.
މި ކޮންފަރެންސާ ގުޅޭގޮތުން ނަޝީދުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ ގާނޫނީ ތަޖުރިބާކާރުންނާއި މަދަނީ މުޖުތަމަޢުގެ ލީޑަރުންނާއި ނޫސްވެރިންނާއި ބައިވެރިވާ މި ކޮންފަރެންސްގައި ފުޅާ ދާއިރާއެއްގައި ކޮރަޕްޝަންގެ އަމަލުތަކަށް ނަޒަރު ހިންގައި، ގަނޑަކަށް ތިރިކުރެވޭނެ ކަމަށާއި، މި ކޮންފަރަންސްގައި ވިސްލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ނަގާނެ ކަމަށެވެ.
ހަމައެއާއެކު ކޮންފަރެންސުގައި ލިޔެކިޔުން މުތާލިޔާކޮށް، ބަލައި، ގާނޫނީ އިޞްލާޙުތަކާއި ދެފުށްފެންނަ އިޖުރާޢަތުތަކާއި އުޞޫލުތައް އަދި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން އިސްތިރާޖީ މަޝްވަރާތައް ކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
މި ކޮންފަރެންސާ ގުޅުވައި ނަޝީދު ވިދާޅުވީ، ކޮރަޕްޝަނަކީ ހަމައެކަނި ފައިސާތަކެއް ވަގަށް ނެގުމާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އެ 'ވައްކަމުގައި' ރައްޔިތުންގެ ކިބައިން ފޭރިގަނެވެނީ އަބުރާއި އިންސާފާއި އިއްޒަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ކޮންފަރަންސަކީ ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާއި އިތުބާރު އިޔާދަކުރުމަށާއި ޕަބްލިކް އޮފިޝަލުން ކުރެން އިތުބާރު ގެއްލިފައިވާ ފަރާތްތައް ޒިންމާދާކުރުވުމަށް ހިންގާ ފުޅާ މަސައްކަތެއްގެ ތެރެއިން ބައެއް" ނަޝީދާ ހަވާލާދީ އެ އޮފީހުން ބުންޏެވެ.
ފާހަގަކުރެވޭ ގޮތުގައި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އެންމެ އިސްކޮށް ހުންނެވިކަން ޝަރީއަތަށް ސާބިތުވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތަށް މައާފު ދީފައިވަނީ މިދިޔަ ވެރިކަން ނިމެން ތިން ދުވަހަށް ވެފައި އޮއްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އެހެންވެ، އަދީބު މިހާރު ދިރިއުޅުއްވަނީ ރާއްޖޭން ބޭރުގައެވެ.
މި ސަރުކާރުން މި އަހަރު ވަނީ އެމްއެމްޕީއާރްސީ މައްސަލައިގައި ދައުލަތުން ހަދާފައިވާ އިމިއުނިޓީ އެއްބަސްވުންތައްވެސް ބާތިލުކޮށްފައެވެ. އެ ގޮތުން، އަދީބާއި، މ. ލޭންޑް އޮފް ގާޑެން، އަޙްމަދު އިޝްފާޙް ޢަލީއާއި މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފްގެ އިތުރުން ގ. އޮއިވާލި، މުޙައްމަދު ޙުސައިނާ އެކު ދައުލަތުން ހެދި އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ.
މިހާތަނަށްވެސް އެ ޚިޔާނާތުގެ ފައިސާ ދައުލަތަށް ހޯދަން މާ ބޮޑު މަސައްކަތެއް ކުރެވިފައިނުވާއިރު، މިދިޔަ ސަރުކާރުގައި ހެދި އެސެޓް ރިކަވަރީ ކޮމިޝަނަށްވެސް މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި މި ސަރުކާރާއި މިނިވަން މުއައްސަސާތަކުގައި މިހާރު ތިއްބެވި އިސް ބައެއް ބޭފުޅުންނާއި ވެރިކަންކުރާ ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނާއި، އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންވެސް ހިމެނޭކަން، މިފަހުން ލީކުކޮށްލި އަދީބުގެ ފޯނުން 2014 ވަނަ އަހަރުގެ ފަހުކޮޅު ހިންގި ބައެއް މުއާމަލާތްތައް ހިމެނޭ ފޮރެންސިކް ރިޕޯޓެއްގައިވެއެވެ.