ފާހިޝް އަމަލު ހުއްޓުވަންކަމަށް ބުނެ އަފްޣާނިސްތާނުގެ މުވާސަލާތީ ޚިދުމަތްް ތާލިބާނުުން ބަންދުކޮށްފި

ބަޔަކު ފޯނު ބޭނުންކުރަނީ.. މުޅި އަފްޣާނިސްތާނުގެ މުވާސަލާތީ ޚިދުމަތް ތާލިބާނުން މިހާރު ވަނީ ބަންދުކޮށްފައި. ފޮޓޯ/ގެޓީ

ފާހިޝް އަމަލުތައް ހުއްޓުވުމަށް ކަމަށް ބުނެ މުޅި އަފްޣާނިސްތާނުގެ މުވާސަލާތީ ޚިދުމަށް އެ ގައުމުގެ ވެރިކަން ކުރާ ތާލިބާނުން ސަރުކާރުން ބަންދުކޮށްފިއެވެ.

ސަރުކާރުން މީގެކުރިން ވަނީ ފައިބާ އޮޕްޓިކް އިންޓަނެޓް ކަނެކްޝަންތައް ވެސް ކަނޑާލާފައެވެ.

އެހެންވެ އެ ގައުމުގައި މިހާރު އޮތީ "ޓޯޓަލް އިންޓަނެޓް ބްލެކްއައުޓް" ކަމަށް އިންޓަނެޓް ވޮޗްޑޮގް ނެޓްބްލޮކްސް އިން ބުނެއެވެ.

ބައިނަލްއަގްވާމީ ނޫސް އެޖެންސީތަކުން ބުނާ ގޮތުގައި ވެރިރަށް ކާބުލްގެ އޮފީސްތަކާ ގުޅުން ވަނީ ކެނޑިފައެވެ. މޯބައިލް އިންޓަނެޓާއި ސެޓެލައިޓް ޓީވީ ވެސް ވަނީ މުޅި އަފްޣާނިސްތާނުގައި ވަރަށް ބޮޑަށް ބުރޫ އަރާފައެވެ.

ތާލިބާނުންގެ އޮފިޝަލަކު ބުނީ އިތުރު އެންގުމެއް އަންގަންދެން މުއާސަލާތީ ޚިދުމަތްތައް އޮންނާނީ ބަންދުކޮށްފައި ކަމަށެވެ.

ކާބުލް އެއާޕޯޓުގެ ވައިގެ ދަތުރުފަތުރުތަކަށް ވެސް އެކަމުގެ ސަބަބުން ބުރޫއަރާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ފްލައިޓް ޓްރެކިން ސާވިސް، ފްލައިޓް ޓްރާޑާ 24އިން ބުނާ ގޮތުގައި އަންގާރަ ދުވަހު ކާބުލް އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ނުވަތަ އެއާޕޯޓަށް ޖައްސަން ހަމަޖެހިފައިވާ ގާތްގަނޑަކަށް އަށް ފްލައިޓެއް ވަނީ ކެންސަލްކޮށްފައެވެ.

އަފްޣާނިސްތާނުގެ ބައެއް ޕްރޮވިންސްތަކުގައި އިންޓަނެޓް ސްޕީޑް ދަށްވުމުގެ މައްސަލަވެސް މީގެކުރިން ކުރިމަތިވިއެވެ.

އިންޓަނެޓް މަނާކުރާނަމަ، ވިޔަފާރިތަކަށް ގެއްލުންވެ އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް އަފްޣާނިސްތާނުގެ ވިޔަފާރި ވެރިން އޭރު ވަނީ ބުނެފައެވެ.

އަފްޣާނިސްތާނުގެ ވެރިކަން ތާލިބާނުން އަތުލައިގަތް ފަހުން ވަނީ އިސްލާމީ ޝަރީއަތުގެ ގާނޫނު މާނަކުރާ ގޮތާ އެއްގޮތަށް ކަމަށް ބުނެ އެތައް ހުރަސްތަކެއް އަޅާފައެވެ.

އަންހެނުން ލިޔެފައި ހުންނަ ފޮތްތައް އަފްޣާނިސްތާނުގެ ޔުނިވާސިޓީތަކުގެ ކިޔަވައިދިނުމުގެ ނިޒާމުގައި ބޭނުންނުކުރެވޭނެ ކަމަށް ވެސް ތާލިބާނުން މި މަހު ވަނީ ކަނޑައަޅާފައެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް އަލުން ހޯދި ފަހުން، އެގައުމުގެ ސަރުކާރު، ބޭރުގެ އެއްވެސް ސަރުކާރަކުން ރަސްމީކޮށް ބަލައިގަނެފައެއް ނުވެއެވެ. ހުޅަނގުގެ ބާރުތަކުން ބުނެފައިވަނީ އަންހެނުންނަށް ހަނިކޮށްފައިވާ ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

އަފްޣާނިސްތާނަކީ މިހާރު ދުނިޔޭގައި އަންހެނުންނާއި އަންހެން ކުދިންނަށް ސާނަވީ އަދި މަތީ ތައުލީމު ހޯދުން މަނާކޮށްފައި އޮތް ހަމައެކަނި ގައުމެވެ. އެ ގައުމުގެ ގާތްގަނޑަކަށް ބައި މިލިއަން މީހުން ވަނީ ސްކޫލް ތައުލީމު އުގެނުމުން ގަސްތުގައި މަހުރޫމުކޮށްފައެވެ.

comment ކޮމެންޓް