ފިލްމުތައް ސިނަމާތަކަށް ދޫކޮށްލުމަށްފަހު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އެ ފިލްމުތައް ރިލީޒް ކުރުމަށް ނަގާ މުއްދަތާ ގުޅޭގޮތުން ބޮލީވުޑްގެ ދެ އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރު އާއި އާމިރު ޚާންގެ މެދުގައި ބޮޑު ބަހުސެއް ކުރިއަށް ގޮސްފިއެވެ.
ޑިޖިޓަލް ޕްލެޓްފޯމްތަކަށް ފިލްމުތައް ދޫކޮށްލުމާ ގުޅޭގޮތުން ތަންކޮޅެއް ކުރިން އާމިރު ޚާން މީޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ، ފިލްމުތައް ރިލީޒްކުރާތާ ހަ މަސް ފަހުން އޯޓީޓީ ޕްލެޓްފޯމްތަކަށް ދޫކޮށްލުން ރަނގަޅު ކަމަށެވެ.
ނަމަވެސް އަކްޝޭ ކުމާރު ދާދިފަހުން މީޑިއާގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ އެއަށްވުރެ ކުރު މުއްދަތެއްގެތެރޭ ފިލްމުތައް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ދޫކޮށްލުމަކީ ހުރިހާ ސްޓޭކްހޯލްޑަރުންނަށް ވެސް އެކަމުން މަންފާ ލިބޭނެ ކަމެއް ކަމަށް ދެކޭ ކަމުގައެވެ.

އިންޑިއާގައި ބޭނުންކުރަމުން އަންނަ މަގުބޫލު ޑިޖިޓަލް ޕްލެޓްފޯމްތައް--ފޮޓޯ/ޕިންކްވިލާ
އޭބީޕީ ލައިވްއަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނީ، ފިލްމުތަކުގެ ރައިޓްސް ގަންނަ ފަރާތްތަކުން އެ ފިލްމުތަކަށް ބޮޑު އިންވެސްޓްމެންޓެއް ކުރާއިރު ދިގު މުއްދަތެއް ދިނުމަށްފަހު ފިލްމު އެފަދަ ޕްލެޓްފޯމްތަކަށް ދޫކޮށްލުމުން ގިނަ ފަހަރަށް ގެއްލުންވާ ކަމަށެވެ.
އެހެންކަމުން ހަ މަހުގެ ބަދަލުގައި ތިން މަސް ފަހުން ފިލްމު އޯޓީޓީގައި ޕްރީމިއާ ކުރުމުގެ ފުރުސަތު ދިނުމަކީ ދެ ފަރާތަށް ވެސް އެންމެ ފައިދާހުރި ގޮތް ކަމަށް ދެކޭ ކަމުގައި އަކްޝޭ ވަނީ ބުނެފައެވެ.
ފިލްމުތަކުގެ ރައިޓްސް ގަންނަން ޑިޖިޓަލް ޕްލެޓްފޯމްތަކުން ހުށަހެޅުމާ އެކު ވަރަށް އުފަލާ އެކު ބައެއް ޕްރޮޑިއުސަރުން އެ ފައިސާ ހޯދާ ކަމަށާއި ނަމަވެސް އިންޑަސްޓްރީގެ ގިނަ ބަޔަކު ދެކޭގޮތުގައި އޯޓީޓީ ޕްލެޓްފޯމްތަކުގެ ސަބަބުން ފިލްމު ވިޔަފާރިއަށް ލިބޭ ގެއްލުން ބޮޑު ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.
އެކަމާ އެއްގޮތަކަށް ވެސް އެއްބަސްވެވެން ނެތް ކަމަށާއި އޯޓީޓީ ޕްލެޓްފޯމްތަކުން އުފައްދާ ކޮންޓެންޓްތަކަކީ ވެސް ވަރަށް އުފެއްދުންތެރި މުހިއްމު ކޮންޓެންޓްތައް ކަމަށް އަކްޝޭ ބުނެފައިވެއެވެ.
އަކްޝޭ މި މޭރުމުން ވާހަކަ ދައްކާފައިވާއިރު ބޮލީވުޑްގެ އެންމެ ތަޖުރިބާހުރި އެކްޓަރުންގެތެރޭ ހިމެނޭ އާމިރު ޚާން ވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ފިލްމުތައް ރިލީޒްކުރަން ފެށުމުގެ ސަބަބުން ފިލްމު ބަލަން ތިއޭޓަރުތަކަށް ވަންނަ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަށް ބުނެފައެވެ.
އާމިރު ޚާން އެންމެ ފަހުން ގެނެސްދިން ފިލްމު "ސިތާރޭ ޒަމީން ޕަރު" ވެސް އެކްޓަރު ވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ދޫކޮށްލުމުގެ ބަދަލުގައި އަމިއްލަ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ބެލުންތެރިންނަށް ބެލޭނެގޮތް ހަދާފައެވެ. ޔޫޓިއުބް މެދުވެރިކޮށް އެ ފިލްމު ބަލާލެވެނީ 100 ރުޕީސްގެ ފީއެއް ދެއްކުމުންނެވެ.