ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއެއް ގެއްލިގެން އެއްވެސް ފަރާތަކުން ޝަކުވާއެއް ކޮށްފައި ނެތް ކަމަށް، އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ދައުވާ އުފުލައިފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފިއެވެ.
ބައްސާމްގެ ފަރާތުން ކޯޓުގައި އެހެން ބުނީ، އޭނާއާ ދެކޮޅަށް އުފުލާފައިވާ ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާގެ ޚުލާސާ ބަޔާނުގައެވެ. ޚުލާސާ ބަޔާނާއެކު އެ ދެ މައްސަލައިގެ އަޑު އެހުން ކްރިމިނަލް ކޯޓުގައި މިއަދުވަނީ ނިމިފައެވެ.
މި ދެ މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ.
މިއަދުގެ ޝަރިއަތުގައި ބައްސާމްގެ ފަރާތުން ބުނީ، ދައުވާގައި ބަޔާންކުރާ 10،000 ޑޮލަރު އެފްއޭއެމުން ގެއްލިގެން އޭރު އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އެއީ އެއީ ކުށް ކޮށްގެން ހޯދި ފައިސާއެއް ނޫން ކަމަށާއި އެއީ ކުށެއް ކޮށްގެން ހޯދި ފައިސާ ނުވަތަ އެއީ އެފަދަ ހާލަތަކަށް ޝައްކުވާ ފައިސާއެއް ބެލެވޭނެ ސަބަބެއް ވެސް ނެތް ކަމަށް ބައްސާމްގެ ފަރާތުން ބުންޏެވެ.
އެހެންވެ، އެ ދެ ދައުވާ ސާބިތުނުވާ ކަމަށް ނިންމައިދޭން ބައްސާމްގެ ފަރާތުން މިއަދުގެ ޝަރިއަތުގައި އެދުނެވެ.
މިއަދު އަޑު އެހުން ނިމުނު ދެ މައްސަލައިގައި، ދައުލަތުން ވަނީ އެ 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ.
މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
އެހެންކަމުން މި މައްސަލަ ސާބިތުވެއްޖެ ނަމަ ބައްސާމްގެ މައްޗަށް ބޮޑު ހުކުމެއް އަންނާނެއެވެ.
ބައްސާމު، އެފްއޭއެމްގެ ރައީސްގެ މަޤާމުގައި ހުރިއިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ޚިޔާންތްތެރިވެ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީލޯންޑްރިންގެ ޢަމަލުތަކެއް ހިންގާފައިވާ މައްސަލައިގައި ބައްސާމްގެ މައްޗަށް ދައުވާކުރީ މިދިޔަ ޑިސެންބަރު މަހެވެ.
ބައްސާމްއާ ދެކޮޅަށް އުފުލި ދެ ދައުވާގެ ތެރެއިން ޚިޔާނާތުގެ ދައުވާއަކީ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 1,200,000 ޑޮލަރު (އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު)އަށް ޚިޔާނާތްތެރިވެފައިވި ކަމަށް ތުހުމަތުކުރާ މައްސަލައެވެ.
މަނީ ލޯންޑްރިންގެ ދައުވާ ބައްސާމަށް ކުރީ، އަމީން އެވެނިއުގެ ބްލޮކް އޭގެ 12 އަދި 13 ވަނަ ފަންގިފިލާގެ އަށް ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމުލަ 25 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީއާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެ ތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާ މައްސަލައިގައެވެ.
މި ދައުވާއާ ގުޅިގެން ދައުލަތުންވަނީ މި ޚިޔާނާތުގެ ސަބަބުން އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމުލަ 1.2 މިލިއަން ޑޮލަރު ބައްސާމުގެ އަތުން ނަގައިދިނުމަށް އެދިފައެވެ. އަދި، ލޯންޑާކޮށްފައިވާ މި ފައިސާ ބޭނުންކޮށްގެން ބައްސާމު، ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕާޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް ވެސް ދައުލަތުންވަނީ އެދިފައެވެ.