ހަނގުރާމަ ނާކާމިޔާބުވެދާނެ ކަމަށް ބުނެ ނަތަންޔާހޫއަށް ފޮނުވި ސިއްރު ސިޓީއެއް ލީކުވެއްޖެ

އިސްރާއީލު ސިފައިންގެ ބައިގަނޑެއް

ޓެލްއަވީވު (ސެޕްޓެންބަރު 29، 2025) : ޣައްޒާ އެއްކޮށް ހިފަން އިސްރާއީލު މިހާރު ފަށާފައިވާ ހަނގުރާމަ ކާމިޔާބުވުމުގެ ފުރުސަތު ވަރަށް ކުޑަކަމަށާއި އެ ހަނގުރާމައަށް ދިޔުމަށް ދެކޮޅުހަދައި ނުކިޔަމަންތެރިކަން ދައްކާ ސިފައިންގެ އަދަދު ގިނަވަމުންދާކަން ހާމަކޮށް އިސްރާއީލުގެ ސިފައިންގެ ވެރިޔާ މޭޖާ ޖެނެރަލް އިޔާލް ޒާމީރު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޮނުވާފައިވާ ސިއްރު ސިޓީއެއް ލީކުވެއްޖެއެވެ.

އިސްރާއީލުގެ ޓީވީ ނެޓްވޯކެއް ކަމަށްވާ "ޗެނެލް 13" ބުނާ ގޮތުން ޣައްޒާ އެއްކޮށް ހިފަން އިސްރާއީލުން މިހާރު ފަށާފައިވާ ހަނގުރާމައަކީ ސިފައިންގެ ފުރާނައަށް ނުރައްކާތެރި އަދި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ ރަހީނުން މަރުވުމުގެ ފުރުސަތު ބޮޑު ހަނގުރާމައެކެވެ.

އެހެންކަމުން ސިފައިން އެދެނީ މި ހަނގުރާމަ އަވަހަށް ހުއްޓުމަކަށް ގެނެވޭނެ ސިޔާސީ ހައްލަކަށެވެ. އެހެން ނޫންނަމަ އަދަބު ދޭން ދަތިވާވަރަށް މި ހަނގުރާމައާ ދެކޮޅު ހަދާ ސިފައިންގެ އަދަދު ގިނަވެދާނެކަމުގެ ބިރުވަރަށް ބޮޑުކަމަށާއި ޣައްޒާގައި ހަނގުރާމަ ކުރާ އިސްރާއީލު ސިފައިން އަމިއްލައަށް މަރުވާ ރޭޓްވެސް ވަރަށް މަތިކަމަށް ނަތަންޔާހޫއަށް ފޮނުވި މި ސިއްރު ސިޓީގައި އިސްރާއީލުގެ ސިފައިންގެ ވެރިޔާ މޭޖާ ޖެނެރަލް އިޔާލް ޒާމީރު ބަޔާންކޮށްފައިވާ ކަމަށް އިސްރާއީލުގެ "ޗެނެލް 13"އިން ބުނެއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް ދެ އަހަރުވާން ގާތްވެފައިވާއިރު ވެސް ޣައްޒާ އެއްގަމުން ހިފުމުގައާއި ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކުރުމުގައާއި އަސްކަރީ ގޮތުން ހަމާސް ބަލިކުރުމުގައި އިސްރާއީލުގެ އަސްކަރިއްޔާ ވަނީ ނާކާމިޔާބުވެފައެވެ. އަދި، ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ ރަހީނުން މިނިވަންކުރުމަށާއި ރަހީނުން ތިބި ތަނެއް ދެނެގަތުމުގައި ވެސް އިސްރާއީލުގެ އަސްކަރިއްޔާ ވަނީ ނާކާމިޔާބުވެފައެވެ.

ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޕްލޭނެއް އެކަށައަޅުއްވާފައެވެ. މި ޕްލޭން ބިނާކޮށްފައިވަނީ ޣައްޒާގައި އޮންނަ ހަމާސްގެ ވެރިކަން ނިމުމަކަށް ގެނައުމާއި ހަމާސްގެ އަތުން ހަތިޔާރު ނިގުޅައިގަތުމާއި އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތައް ދާއިމީ ގޮތަކަށް ހުއްޓާލުމާއި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމާއި ޣައްޒާގައި އިންތިގާލީ ވަގުތީ އިދާރާއެއް އުފެއްދުމުގެ މައްޗަށެވެ.

ޓްރަމްޕްގެ ޕްލޭންގައި ވާގޮތުން މި އިދާރާގެ ވެރިއަކަށް އައްޔަންކުރުމަށް ރޭވިފައިވަނީ އިނގިރޭސިވިލާތުގެ ކުރީގެ ހަރުކަށި ބޮޑުވަޒީރެއް ކަމަށްވާ ޓޯނީ ބެލެއާއެވެ. ބްލެއާއަކީ އިރާގުގައި ފަނާކުރަނިވި ހަތިޔާރުހުރި ކަމަށް ބުނެ އދ. އަށް ގޮންޖަހާފައި އެމެރިކާ އިރާގަށް އަރައިގަނެ ހިންގި ގަތުލުއާންމުތަކުގެ މައިގަނޑު ބައިވެރިޔާއެވެ. މިއާއެކު އޭނާގެ މައްޗަށް ވަނީ ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ދައުވާކޮށްފައެވެ.

މި ގަތުލުއާންމުތަކުގައި އެމެރިކާއި އިނގިރޭސިވިލާތުން އިރާގުގެ 700،000 އަށްވުރެ ގިނަ މީހުން މަރާލިކަމަށް ރިޕޯޓްތައް ބުނެއެވެ. އިރާގުގައި އަލްގާއިދާއާއި އައިއެސް ޖަމާއަތް އުފެދި އިރާގު ޓެރިޒަމްގެ ހާއްޔަކަށް އެ ދުވަސްވަރު ބަދަލުވީ ވެސް އެމެރިކާ ކުރި މި ހަނގުރާމައާ ގުޅިގެންނެވެ.

ޣައްޒާއާ ބެހޭ ޓްރަޕްގެ ޕްލޭންއަށް އަރަބި އިސްލާމީ ގައުމުތަކުގެ ރުހުން ހޯދުމަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އަރަބި އިސްލާމީ އަށް ގައުމެއްގެ އިސްވެރިންނާ މިދިޔަ ހަފުތާގައި ވައިޓް ހައުސްގައި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މި އަށް ގައުމުގެ ވެރިންވަނީ ޓްރަމްޕްގެ މި ޕްލޭން ގަބޫލުކުރުމަށް ގިނަ ޝަރުތުތަކެއް ހުށަހަޅާފައެވެ. މީގެ ތެރޭގައި އިސްރާއީލުގެ ހުރިހާ ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމާއި ޣައްޒާގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދިނުމާއި އިސްރާއީލުން މަސްޖިދުލްއަގްސާއަށް ކުރާ ގޯނާތައް އެއްކޮށް ހުއްޓާލުމާއި އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިން އިސްރާއީލުގެ ތަނެއްގެ ގޮތުގައި ނަހަދާނެކަމުގެ ގެރެންޓީއާއި ޖާމިނުވުން އެމެރިކާ ދިނުމާއި ޣައްޒާ އަލުން ބިނާކޮށް އާރާސްތުކުރުން ހިމެނެއެވެ.

ޓްރަމްޕްގެ ޕްލޭންގައިވާގޮތުން އިސްރާއީލުން ބޮންއަޅައި ބިމާ ހަމަކޮށްލާފައިވާ ޣައްޒާ އަލުން ބިނާކޮށް އާރާސްތުކުރާނީ ގަލްފުގެ އަރަބި ގައުމުތަކުގެ ޚަރަދުގައެވެ.

comment ކޮމެންޓް