މަސްތުވާތަކެއްޗާއި ވޭޕް ހިމެނޭހެން ރާއްޖެ އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެތި ފެނުނު މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ތިން ބެއިން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިއީ ހަތަރު މީހަކަށް އަމާޒުކޮށްގެން ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަންގެ ތެރެއިން ތިން އެޕާޓްމަންޓެއް ބަލައި ފާސްކޮށް، ތިން މީހަކު ހައްޔަރުކުރިއެވެ. އެއީ:
- ލ. މާބައިދޫ / ސޭޑީކޯނާ، ނަޝްވާން މުޙައްމަދު (32އ)
- ނަޙުޒާން މުޙައްމަދު (25އ)
- ނަބުހާން މުޙައްމަދު (22އ)
އެއީ އެއްބަނޑު އެއްބަފާ ތިން ބެއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހުން އަތުން އަތުލައިގެން ތަކެތި: ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރާ ކަމަށް -- ފޮޓޯ/ ފުލުހުން
ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގެ ތެރެއިން ރާއްޖެ އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި އެ ތަކެތި ވިއްކަން ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުންކުރި ޗެނަލްތަކާއި ހަތަރު މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ.
ފުލުހުން ބުނީ އޮޕަރޭޝަންގެ ތެރެއިން، އެ ތަނުން އެކަކު ދުއްވި ސައިކަލާއި ބަލައިފާސްކުރި އެޕާޓްމަންޓުތަކުން ގިނަ އަދަދެއްގެ ވޭޕާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއި 111880 ރުފިޔާގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ އެހެނިހެން ތަކެތި ފެނިފައިވާ ކަމަށެވެ.
އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ނަޝްވާނާއި ނަހުޒާން ޝަރުތުތަކަކާ އެކު ވަނީ ދޫކޮށްލާފައެވެ. އަދި، ނަބުހާންގެ ބަންދަށް ވަނީ ތިން ދުވަސް ޖަހާފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.