ރެއާލަށް ކެހި ލިިބުމުން ބާސާއަށް ތާވަލުގެ އެއްވަނަ

ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑް ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

ރަށުންބޭރުގައި ކުޅުނު މި މެޗުން ބާސެލޯނާ މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ބާސެލޯނާއަށް އެއްވަނައަށް އެރުމުގެ ފުރުސަތު ލިބުނީ މި ހަފްތާގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑު އަތުން ރެއާލް މެޑްރިޑު ބަލިވުމާއި ގުޅިގެންނެވެ.

މި މޮޅާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ހަތް މެޗުން ލިބުނު 19 ޕޮއިންޓާ އެކުއެވެ. ތާވަލުގެ ދެވަނަ މަގާމުގައި ރެއާލް މެޑްރިޑު އޮތީ ކުޅުނު ހަތް މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑުޖެހީ ސޮސިއެޑާޑުންނެވެ. އަންޑެއާ ބެރެންޓެކްސެއާ ތަނަވަސްކޮށްދިން ފުރުސަތަކުން 31 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލްވާރޯ އޮޑްރިއޮޒޯލާ އެވެ.

ބާސެލޯނާ އިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 44 ވަނަ މިނިޓުގައެވެ. މިއީ، މާކަސް ރެޝްފޯޑް ކޯނަރަކުން ނަގައިދިން ބޯޅައަކުން ޖޫލްސް ކޫންޑޭ ޖެހި ގޯލެކެެވެ.

މެޗުން ބާސެލޯނާ މޮޅުވި ލަނޑު ޖެހީ ލެވަންޑޮސްކީ އެވެ. މިއީ މެޗުގެ 58 ވަނަ މިނިޓުގައި ބަދަލަކަށް ކުޅެން އެރި ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ލެވަންޑޮސްކީ ކާމިޔާބުކުރި ލަނޑެކެވެ.

ސޮސިއެޑާޑަށް ނަތީޖާ އަނބުރާލަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ނަމަވެސް ފެނުނީ ރަނގަޅަށް ނިންމާނުލެވި މެޗު ނިމުނު ތަނެވެ.

ބާސެލޯނާ އެއްވަނަ މަގާމަށް ޖެހިލި ނަމަވެސް ކުރިއަށްހުރި މެޗުތަކާއެކު އެ މަގާމު އަނބުރާ ރެއާލަށް ލިބުން ގާތެވެ. އެއީ ދެ ޓީމުން ދައްކަމުން އަންނަ ކުޅުމަށް ބެލުމަށްފަހު އެވެ.

comment ކޮމެންޓް