ސޯޝަލް މީޑިއާގައި ތަފާތު މަސައްކަތްތައް ކުރާ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށް ދޫކުރާ ލުއި ލޯން ތައާރަފުކޮށް، ލޯނަށް އެދުމުގެ ފުރުސަތު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން މިއަދު ހުޅުވާލައިފިއެވެ.
ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނުގެ ފުރުސަތު ހުޅުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެސްޑީއެފްސީން ބުނީ، މިއަދު ހުޅުވާލި ލޯނުގެ ދަށުން 500,000 ރުފިޔާއާ ހަމައަށް ލޯނު ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ކްރިއޭޓިވް އިކޮނޮމީ ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމަށް މަގުފަހިކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ މި ފެސިލިޓީގެ ދަށުން ކޮންޓެންޓް އުފައްދާ މީހުންނަށާއި ފިލްމު އުފައްދާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި އުފެއްދުންތެރި މަސައްކަތްތައް ތަރައްގީކުރުމަށާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދަން އެ މީހުންނަށް ފަހިކޮށްދޭނެއެވެ.
އެސްޑީއެފްސީން ބުނީ، ކޮންޓެންޓް ކްރިއޭޓަ ފައިނޭންސިންގެ ދަށުން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި އިންފްލުއެންސަރުންނާއި ވީޑިއޯގްރާފަރުންނަށް ރަހުނަކާ ނުލައި 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭއިރު، ރަހުނެއް ހުށަހަޅައިގެން 500,000 ރުފިޔާއާ ހަމައަށް ލޯނު ނެގުމުގެ ފުރުސަތު ލިބޭނެއެވެ.
އެއީ އަހަރަކު 9.5 އިންސައްތައިގެ ފައިދާ ރޭޓެއްގައި، ގިނަވެގެން ފަސް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފެސިލިޓީ އަނބުރާ ދެއްކުމުގެ ފުރުސަތު ލިބޭ ގޮތަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެ މުއްދަތުގެ ތެރޭގައި، ގިނަވެގެން ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ހިމެނޭ ކަމަށް އެސްޑީއެފްސީން ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނީ އެ ފައިނޭންސިން މެދުވެރިކޮށް އިކުއިޕްމަންޓް ހޯދުމާއި، ޕްރޮޑަކްޝަން ޚަރަދުތައް ހަމަޖެއްސުމާއި، ކްރިއޭޓިވް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ޚަރަދުތައް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީއަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުންދާ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާ ކަމަށެވެ. އަދި ދިވެހި ޒުވާނުންނަކީ މި ހަރަކާތުގެ އެންމެ ކުރީ ސަފުގައި ތިބި ބައެއްކަމަށް އޭނާ ވިދާޅުވިއެވެ.
މި ފައިނޭންސިން ފެސިލިޓީއާއެކު، އަޅުގަނޑުމެން ބޭނުންވަނީ ކޮންޓެންޓް ކްރިއޭޓަރުންނާއި، ފިލްމު އުފައްދާ ފަރާތްތަކާއި، ޑިޖިޓަލް ކްރިއޭޓަރުންނަށް، ދުނިޔޭގެ މަސްރަހުގައި ދިވެހިންގެ ކްރިއޭޓިވިޓީ ދައްކުވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ލިބޭނެކަން ކަށަވަރުކުރުން. މިއީ ހަމައެކަނި ފައިނޭންސިންގ ޕްރޮޑަކްޓެއް ނޫން، މިއީ ހުނަރުވެރިކަމާއި، އައު ކްރިއޭޝަންސްއަށް ފުރުސަތު ފަހިކޮށްދީ އަދި ރާއްޖޭގެ އިޤްތިޞާދުގެ މުސްތަޤްބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން
މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، އެސްޑީއެފްސީން ބުނީ އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީގެ ވެބްސައިޓްގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށްކަމަށެވެ.
ކޮންޓެންޓް ކްރިއޭޓަރުންނަށް ލޯނުގެ ފުރުސަތު، ދެ ހަފުތާ ތެރޭ ހުޅުވާލަން ރައީސް ވަނީ މިދިޔަ މަހުގެ 14ގައި އަންގަވައިފައެވެ. އޭގެ ފަހުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ، ކޮންޓެންޓް ކްރިއޭޓަރުންނާ ބައްދަލުކުރައްވައި، ލޯނާ ގުޅޭ ގޮތުން ޚިޔާލު ހޯއްދަވައިފައެވެ.
ރާއްޖޭގައި ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެފަދަ ޕްލެޓްފޯމްތަކުގައި ދައްކާ މަސައްކަތުން އާމްދަނީ ހޯދޭނެ ގޮތް ހެދުމަކީ ގިނަ ޒުވާނުންގެ އެދުމެކެވެ. އޭގެ ތެރޭގައި ޔޫޓިއުބް، ޓިކްޓޮކް، އިންސްޓަގްރާމް އަދި ފޭސްބުކްގައި ހަރަކާތްތެރިވާ މީހުން ހިމެނެއެވެ.